ޚަބަރު

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގައި ހުށަހެޅި ފޯމުތަކާ މެދު ޢަމަލުކުރާނެ ވަކި ގޮތެއް އަދި ނުނިންމޭ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި ހުށަހެޅި ފޯމުތަކާއި ގުޅިގެން އައު ސަރުކާރުން އަމަލުކުރައްވާނެ ގޮތެއް އަދި ނުނިންމަވާ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ފިރުޒުލް ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތަކާ މެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަމާ މެދު އަދި ވަކި ގޮތެއް ނުނިންމާކަމަށެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ދެ ވަނަ ފުރުސަތު އިއްޔެއަށް ހަމަވެފައިވާއިރު 40،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން އިއްޔެވަނީ ވިދާޅުފައެވެ.

ގޯތި ނުވަތަ ފްލެޓް ލިބި ލިޔުން ހަވާލުކޮށްފައިވާ ނުވަތަ ބިން/ފްލެޓު ދިނުމަށް ގެޒެޓު ކޮށްފައިވާ އެއްވެސް ފަރާތެއްގެ އެއްޗެއް ނުހުއްޓުވުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަމަށާއި އެ ސްޓޭންޑުގައި އެމަނިކުފާނު ހުންނަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައިވާކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ، އިއްޔެ މުއްދަތު ހަމަވީ އޭގެ ފަހުން އިއުލާނުކޮށްގެން އެޕްލިކޭޝަން ހުށަހެޅި ބައެއް ކަމަށެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ކޮމިޓްމެންޓް ގުޅިފައި އޮތީ ކުރިން ޝާއިއުކުރި ލިސްޓާ. ފަހުން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި އެޕްލިކޭޝަންތަކާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރަމުން އެބަ ގެންދަން،" ފިރުޒުލް ވިދާޅުވި އެވެ.

މިފަހަރުގެ ސްކީމްގައި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގައި މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ ދިވެހި ރައްޔިތުންނަށް މި ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަދި ޖޮއިންޓްކޮށް ކުރިމަތިލުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލައިފައެވެ.

Ads by HDC
  1. ގޭމް

    ކޮބާ! އެހާ އަވަހަށް ހިޔާލު ބަދަލުވަނީ! އަދި އެއުޅެނީ ވެރިކަމާ ހަވާލު ނުވެވިގެން.