ޚަބަރު

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ގްރޭޓަރ މާލެ ސަރަހައްދަށް ތަޢާރަފް ކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ގްރޭޓަރ މާލެ ސަރަހައްދަށް ތަޢާރަފް ކޮށްފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ، ޞިއްޙީ ދާއިރާއިންދޭ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ގްރޭޓަރ މާލެ އޭރިއާއަށް ތަޢާރަފު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިކަމަށްޓަކައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ގްރޭޓަރ މާލެ އޭރިއާއަށް ތައާރަފު ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމްއެވެ.

ޤައުމީ އެންބިއުލާންސްގެ ޚިދުމަތް ގްރޭޓަރ މާލެ އޭރިއާގައި ދިނުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ޤާއިމްކޮށް މިކަމަށް ޚާއްސަ ނަންބަރެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ކަނޑައަޅާފައިވާ ނަންބަރަކީ އެކެއް.ސުމެއް.ސުމެއް (100) އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ޚިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަޤްސަދަކީ މެޑިކަލް އެމަރޖެންސީތަކާއި އެކްސިޑެންޓްތަކުގާ އަވަހަށް އެޓެންޑްވެ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއަރގެ ޚިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

މި ޚިދުމަތް ކުރިއަށް ގެންދާނީ ގްރޭޓަރ މާލެ އޭރިއާގެ ހޮސްޕިޓަލްތަކާއި އަދި ޤައުމީ އެމްބިއުލާންސް ޚިދުމަތުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްގެންނެވެ.

ހަމަ އެހެންމެ މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކާއި އަދި ކަމާގުޅުންހުރި މުއައްސަސާތަކުން މި ޚިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރައްވައެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ވިދާޅުވީ، މި ޚިދުމަތް މިއަދު ތަޢާރަފް ކުރެވުނީ ގްރޭޓަރ މާލެ އޭރިއާގައި ކަމުގައިވީ ނަމަވެސް މުސްތަޤްބަލުގައި އެކި ސަރަޙައްދުތަކަށް ބަހާލެވިގެން މުޅިރާއްޖެއަށް މި ޚިދުމަތް ފުޅާކުރެވިގެންދާނެ ކަމަށެވެ.

Ads by HDC
  1. ރާރޯ

    މިހާރުދެން ތިއީ ކޮންސަކާރާތެއް