ސިނާއީ ބޭނުންތަކަށް ތިލަފުށިން 31 ބިމެއް ދިވެހީންނަށް ވިއްކައިފި

ސިނާއީ ބޭނުމަށް ތިލަފުށިން 31 ބިމެއް ދިވެހިންނަށް ވިއްކާފައި ވާކަމަށް އާބަންކޯއިން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކުންފުނިން އެ 31 ފަރާތަކީ ބިން ގަތުމުގެ އެގްރީމަންޓުގައި ސޮއިކޮށްފައިވާ ފަރާތްތައް ކަމަށެވެ.
އަދި "ކޮންޑިޝަނަލީ" ބިން އެވޯޑުކޮށް ފައިސާ ދެއްކުމުގެ މަރުހަލާގައި 72 ފަރާތެއް އުޅޭކަމަށްވެސް އާބަންކޯއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ބިން ގަތުމުގެ އެގްރީމަންޓުގައި ސޮއިކޮށް ކޮންޑިޝަނަލީ ބިން އެވޯޑުކޮށް ފައިސާ ދެއްކުމުގެ މަރުހަލާގައި އުޅޭ އެންމެހާ ފަރާތްތަކަކީވެސް ދިވެހިން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ތިލަފުށިން ސިނާއީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ވިއްކާނެ ގޮތުގެ ތަފްސީލާއެކު އެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.
ބިމުގެ ދަތިކަމާއި ބިމު ކުލި އުފުލޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ ތިލަފުށިން ބައެއް ހިއްކައި، ސިނާއީ މައި މަރުކަޒަކަށް އެ ރަށް ބަދަލުކުރުމުގެ އަމާޒު ހިފާފައެވެ. މިގޮތުން މާލެ ސަރަހައްދުގައި ކުރާ ސިނާއީ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމާއިއެކު އެ މައްސަލައަށް ޙައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.