އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި 18،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައި

ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި އަށާރަހާހަށްވުރެ މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
އިޒްރޭލުން ރޭގެ ވަގުތެއްގައި ޣައްޒާއަށް ފޮނުވި ޙަމަލާތަކަކީ "އޮޕަރޭޝަން ފުޅާކުރަމުން" އަންނަކަމަށް ބުނެ ފޮނުވި ޙަމަލާތަކެއްކަމަށް އަލްޖ ޖަޒީރާ ނޫހާއި ޙަވާލާދީ ބުނެފައިވެއެވެ.
ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ޣައްޒާގެ ޔަރްމޫކް ސަރަޙައްދަށް ދިން ޙަމަލާތަކުގައި މީހުން ދިރިއުޅޭ 8 އިމާރާތް ބިމާހަމަވެފައިވާކަމަށް ބެލެވޭކަމަށް އަލް ޖަޒީރާ ނޫހާއި ޙަވާލާދީ ބުނެފައިވެއެވެ. އިޒްރޭލުން ވަނީ މި ސަރަޙައްދަށް 30 މިސައިލް ފޮނުވާފައެވެ.
މި ހަމަލާތަކާއެކު ފަލަސްތީނުގެ ސިވިލް ޑިފެންސާއި އެންބިއުލާސްގެ ޓީމުތަކުން ވަނީ އިމާރާތްތަކުގައި ދަށުވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން 260 މީހުން ސަލާމަތްކުރެވިފައިވާކަމަށާއި ނަމަވެސް 120 މީހުން ޝަހީދުވެފައިވާކަމަށް އަލް ޖަޒީރާ ނޫހުގައި ހާމަކޮށްފައިވެއެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި އިމާރާތްތަކުގެ ދަށުވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އަލް ޖަޒީރާ
ފާއިތުވި 21 ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 7،326 މީހުން ޝަހީދުކޮށްލާފައެވެ. އަދި 18،000 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގައި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ އިދާރާތަކުން ބުނާ ގޮތުގައި އިމާރާތްތަކުގެ ބައިތައް ނަގާނެ ހެވީ މެޝިނަރީ ނެތުމާއި ތެޔޮ ނުލިބުމުގެ ސަބަބުން ގެއްލުނު މީހުން ހޯދުމަށް ސިވިލް ޑިފެންސް ކްރޫންނަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ބޭނުންވާނެކަމަށެވެ.
މި މަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށްފަހު ބަދަލުގައި އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ޙަމާލާތަކުގައި ޣައްޒާގެ 45 އިންސައްތަ ވަނީ ފުނޑުފުނޑު ކޮއްލާފައެވެ. އެއީ ގާތްގަނޑަކަށް 200،000 އެއްހާ ގެއެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި ޣައްޒާގެ 45 އިންސައްތަ އިމާރާތް ވަނީ ބިމާހަމަވެފައި، ފޮޓޯ: އަލް ޖަޒީރާ
ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުގެ ވެރިޔާ ސަލާމާ މަރޫފް އަލްޖަޒީރާއަށް ވިދާޅުވީ އިޒްރޭލުން ބޭނުންކުރަނީ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ފަދަ ހަތިޔާރުތަކެއްކަމަށާއި ބައިނަލްއަޤްވާމީގޮތުން ހަނގުރާމަތަކުގައި ބޭނުންކުރުން މަނާ ހަތިޔާރު ބޭނުންކުރާކަމުގެ ގިނަ އިޝާރާތްތަކެއް ލިބިފައިވާކަމަށާއި އެއީ ޒަޙަމްވި ބައެއް މީހުންގެ ގުނަވަންތައް ގިރިގެންދާކަމަށް ފާހަގަކުރެވިފައިވާތީއެވެ.
ފަލަސްތީނުގެ ސިއްޙީ ވުޒާރައިން ޝަހީދުވި މީހުންގެ އަދަދު ހާމަކުރުމުން އެކަމަށް ފާޑުކިޔައި، އެ އަދަދާއި މެދު އެމެރިކާގެ ރައީސް ޖޯ ބައިޑެން ސުވާލު އުފައްދާފައިވާތީ، ފަލަސްތީނުގެ ސިއްޙީ ވުޒާޜާއިން ވަނީ ޝަހީދުވި މީހުންގެ ނަމާއި، އައިޑީ ކާޑު ނަންބަރު، އުމުރު އަދި ޖިންސުވެސް އެނގޭނޭހެން ލިސްޓެއް ޢާންމުކޮށްފައެވެ.