މެމްބަރެއްގެ މަސްލަހަތު ހިމެނޭ ނަމެއް އޮތުމުން ސީއެސްސީގެ ނަންތައް އިމްތިޔާޒު ކޮމިޓީއަށް
ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރުމަށް މިނިވަން މުއައްސަސާ ކޮމިޓީން ފޮނުވި ނަންތަކުގެ ތެރޭގައި ކޮމިޓީގެ މެމްބަރަކާއި މަސްލަހަތު ފުށޫއަރާ ބޭފުޅަކު ހިމެނުމުން އެ ރިޕޯޓް އަލުން ދިރާސާ ކުރުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އެންމެބޮޑު އަމާޒަކީ ނަޒާހާތްތެރި ކަމާއިއެކު މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ ބޭފުޅުން އައްޔަން ކުރުން ކަމަށެވެ. ސީއެސްސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝޯޓް ލިސްޓް ކުރެއްވި ނަންތަކުގެ ތެރޭގައި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރަކާއި މަސްލަހަތު ފުށޫ އަރާބޭފުޅަކު ހިމެނޭ ކަމީ ޒަމީރު ގަބޫލު ކުރައްވާ ކަމެއް ނޫންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެލިސްޓް ބެލިއިރުގައި މިމަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ އަދި ޚާއްސަކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއް ކަމަށް، އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރެވޭ ބޭފުޅެއް އިންނެވީތީ އަޅުގަނޑު އެދެނީ ސުލޫކާއި އިމްތިޔާޒު ކޮމިޓީން އަދި އެއްފަހަރު މިކަން ބައްލަވައި ދެއްވުމަށް. މިމަޖިލީހަށް ރައްޔިތުންގެ އިތުބާރު ބޮޑުވަނީ ވަކި އަތަކަށް ނުބަލައި މަޤާމުތަކަށް ގާބިލް ބޭފުޅުން ކަނޑައަޅަމުންދާތީ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިހާރު ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވާފައިވާ ރިޕޯޓް އަލުން ދިރާސާކޮށް މިކަމުގައި ގޮތްތަކެއް ކަނޑައެޅުމަށް މަޖިލީހުގެ ރައީސް ވަނީ މި ރިޕޯޓް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ފޮނުވާފައެވެ.