ޚަބަރު

ފަލަސްތީނަށް އެހީވުމަށް މިހާތަނަށް 23 މިލިއަން ރުފިޔާ ލިބިއްޖެ: އައިއޭސީ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
އައިއޭސީީން އިސްނަގައިގެން ބޭއްވި "އަހަރުމެން ފަލަސްޠީނާއެކު" ބޮޑު އެއްވުމުގެ ތެރެއިން، ފޮޓޯ: އައިއޭސީ

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާއާއި ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން ހުޅުވާލި ފަންޑަށް 23 މިލިއަންއަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

Ads by Hajj Corporation

އައިއޭސީން ހާމަކޮށްފައިވާ ގޮތުގައި މިމަހު 7 ވަނަ ދުވަހުން ފެށިހެން ފަލަސްތީނުގެ ފަންޑަށް 23،987،108 ރުފިޔާ އާއި 13،023 ޑޮލަރު ވަނީ ލިބިފައެވެ.

"އިސްލާމީ އުއްމަތަށް ދިމާވާ ހުރިހާ ކަމެއްގައި ތިޔަ ލޮބުވެތި ރައްޔިތުން ދެއްވާ އެހީ އަދި އަޅުގަނޑުމެންނަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން" އެ ޖަމިއްޔާއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

އައިއޭސީއަށް ލިބޭ ހުރިހައި އެހީގެ ރުފިޔާއެއްގެ ތެރެއިން 12.5 އިންސައްތަ ފިޔަވައި ހުރިހާ ފައިސާއެއް ޚަރަދުކުރަނީ ހާލުގައިޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށެވެ. 12.5 އިންސަތައަކީ އެ ޖަމިއްޔާއިން އެހީ ފޯރުކޮށްދިނުމަށް ދާ ލޮޖިސްޓިކަލް ޚަރަދުތަކަށް ބޭނުންކުރާ ފައިސާކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

ދާދިފަހުން ސޯޝަލްމީޑިއާގައި އައިއޭސީން އެހީގެ ރުފިޔާއަށް މަކަރު ހަދައި، ޚިޔާނާތްތެރިވާކަމަށް ބުނެ މީހުން ވަނީ އޮޑިޓް ރިޕޯޓުތައް އާންމުކުރުމަށް ގޮވައިލައިފައެވެ.

ނަމަވެސް އައިއޭސީން ވަނީ އެހީގެ ގޮތުގައި އެ ޖަމިއްޔާއަށް ލިބޭ ފައިސާ އޭގެ ޙައްގުވެރިންނަށް ފޯރުކޮށްދޭކަމުގެ ޔަޤީންކަން ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!