ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ، ޕީޖީ އޮފީސް 10،000 ރ. އިން ޖޫރިމަނާކޮށްފި

ޕްރޮސިކިއުޓާރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކޯޓެއްގެ ހުރުމަތް ކެނޑިކަމަށް ނިންމައި، އެ އިދާރާ 10،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ދަށު ކޯޓަކުން ނިންމައިފިއެވެ.
ޕީޖީ އޮފީސް ޖޫރިމަނާކޮށްފައިވަނީ ޖިނާއީ މައްސަލައަކާއި ގުޅޭގޮތުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހާމަކުރަން އެދުނު ބައެއް މަޢުލޫމާތު ނުދިނުމާއި ގުޅިގެންނެވެ. ކޯޓުން އެދުނު މަޢުލޫމާތު ދިނުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ކުރިން ނިންމުމުންވެސް ޕީޖީ އޮފީހުން ވަނީ އެ އަމުރަށް ތަބާނުވެފައެވެ.
މިދިޔަ އެޕްރީލް މަހު ފޭދޫ ކޯޓުން ނެރުނު އަމުރާއި އެއްގޮތަށް ޕީޖީގެ އޮފީހުން މަޢުލޫމާތު ހާމަކޮށްފައި ނުވާކަމަށާއި އޭގެ ފަހުން ދިން ދެ ފުރުޞަތުގައިވެސް މަޢުލޫމާތު ހާމަކޮށްފައިނުވާކަމަށް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ތަކުރާރުކޮށް ކޯޓުގެ އަމުރަކަށް ތަބާނުވިކަމަށް ބަލައި، އެއީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ އަމަލެއްކަމަށް ނިންމައި، އޭގެ އަދަބެއްގެ ގޮތުން ޕީޖީ އޮފީސް 10،000 ރުފިޔާއިން ޖޫރިމަނާކުރީކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މި ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ކޯޓުގެ ހުކުމުގައި އަންގާފައިވެއެވެ.
ކޯޓުން މަޢުލޫމާތު ހޯދުމަށް އަމުރުކޮށްފައިވަނީ ދައުލަތުގެ ހެކިވެރިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑެވެ. ދައުލަތުން ކުށުގެ ރެކޯޑު ކުރިން ހާމަކޮށްފައިވީނަމަވެސް، މިހާތަނަށް ހައްޔަރު ރެކޯޑެއް ހާމަކޮށްފައެއްނުވެއެވެ.