ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ޤާނޫނު އަސާސީން ބޭރުވެގެން މަޖިލީހުގެ ރިޔާސަތުން ކަމެއް ނުކުރޭ: އާޒިމް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ގަވައިދުން ބޭރުވެގެން ޤާނޫނު އަސާސީން ބޭރުވެގެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ކަމެއް ނުކުރާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޢަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ފެނިގެން މިދަނީ އެމްޑީޕީގެ އިސްބޭފުޅުން މަޤާމަށްޓަކައި، ގަދަބާރުން ކޮންމެކަމެއް ކުރަން ތައްޔާރަށް ތިބި މަންޒަރު ކަމަށެވެ.

މީގެ ކުރިން އެމްޑީޕީން ހުށަހެޅި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ނެގީ އެ ޕާޓީ އާއި ޑިމޮކްރެޓުންނާއެކު އެއްބަސްވުމަކަށް އައުމަށްފަހު ކަމަށާއި އަލުން އެ މައްސަލަ ވެއްދުމަކީ އެންމެ ރީތި ގޮތް  ނޫން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ވެއްދުމުން ހާމަ ވަނީ އެމްޑީޕީގެ ލީޑާޝިޕުގައި އަމާޒެއް ނެތްކަން ކަމަށެވެ.

ހަމަ އެހެންމެ، ނިމިދިޔަ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޤަވާޢިދުން ބޭރުވެގެން ޤާނޫނު އަސާސީން ބޭރުވެގެން މަޖިލީހުގެ ރިޔާސަތުން ކަމެއް ނުކުރާ ކަމަށާއި ޑިމޮކްރެޓުން ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރަމުންދަނީ ޤަވާއިދުތަކާއި ޤާނޫނުތަކާ އެއްގޮތަށް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް މިހެން ވިދާޅުވެފައި ވާއިރު، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަނީ 49 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ޤަރާރު މަޖިލީހަށް ހުށަހެޅުމަށްފަހު އެ މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ އެ ޤަރާރު ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް ސްޕްރީމް ކޯޓުގައި ވެސް އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!