ނަރީޝް ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަ ނުކުރައްވަން ނިންމަވައިފި

އަންނަ އަހަރުގެ ކުރީކޮޅުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހދ.ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަ ނުކުރައްވަން މާލޭގެ ޑެޕިއުޓީ މޭޔަރު، އަޙްމަދު ނަރީޝް ނިންމަވައިފިއެވެ.
އޭނާ މިކަން ހާމަ ކުރައްވައިފައި ވަނީ، މިއަދު ފޭސްބުކްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ. ނަރީޝް ވިދާޅުވީ، އޭނާ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވީ، ރައްޔިތުންގެ މަޖިލީގެ ތެރެއިން ޙިދުމަތެއް ކޮށް، ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި މަޖިލީހުގައި ވަކާލާތުކޮށް ސަރުކާރާއި ގުޅިގެން ދާއިރާއަަށް ތަރައްގީ ހޯދައިދިނުމުގެ މަތިވެރި ޢަޒުމުގައި ކަމަށެވެ.
"އަޅުގަނޑު ކުޅުދުއްފުށީ އުތުރު ދައިރާއަށް ވާދަކުރަން ނިންމުމާއިއެކު ކުޅުދުއްފުށީ އުތުރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސްރަށްވެހިންނާއި ކަނބަލުންނާއި ޒުވާނުން އަޅުގަނޑަށް ތާއީދުއޮތްކަން ހާމަކުރަމުން ގެންދެވި، އަދި ޓީމެއްގެ ގޮތުގައި އަޅުގަނޑަށް ތާއީދު ހޯއްދަވައި ދެއްވަން މަސައްކަތްކުރައްވަމުން ގެންދެވި ހުރިހައި ބޭފުޅުންނަށް ހިތުގެ އިޙްލާސްތެރި ޝުކުރު އަދާކުރަން." އޭނާގެ ޕޯސްޓުގައިވެއެވެ.
ނަރީޝް ވިދާޅުވީ، އެ މަސައްކަތުގައި ކުޅުދުއްފުށީ ރޫޙު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް ކަމާއި، "ރަށުދަރި ރަށަށް އިންތިޚާބުކުރުމުގެ ރޫޙުގައި ކަން" ވަރަށްބޮޑަށް ފާހަގަވި ކަމަށެވެ.
އަދި ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް އަޅުގަނޑު ކުރާ ހާލު ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި ވާދަ ނުކުރައްވަން ނިންމެވީ ކަމުގައި ވެސް ވިދާޅުވިއެވެ.