ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ރައީސް ނަޝީދުގެ މައްސަލައިގައި ސްޕުރީމް ކޯޓުގެ ނިންމުމަށް އެމްޑީޕީން އިހްތިރާމް ކުރާނެ: ބިގޭ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސްޕުރީމް ކޯޓުގެ ނިންމުމަށް އެމްޑީޕީން އިހްތިރާމް ކުރާނެ ކަމަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލިފުށި ދާއިރާގެ މެމްބަރު ބިގޭ މިހެން ވިދާޅުވީ ރާއްޖެ ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ބިގޭ ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސްޕުރީމް ކޯޓަށް ހުށައެޅީ އިންތިޚާބީ ރައީސް ހުވާކުރަން ޖެހޭ ތާރީޚުގައި ހުވާކުރެވޭނެ ގޮތަށް މަގުފަހި ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިގެން މަސައްކަތް ކުރަމުން ދަނީ 17 ނޮވެމްބަރުގެ ކުރިން އެ މައްސަލައަށް ހައްލެއް ލިބޭތޯ ކަމަށް ބިގޭ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ މުހިންމު އެއް ބާރު ކަމަށްވާއިރު އެ ބާރު އޮތީ ވަކިބަޔެއްގެ އަމިއްލަ މަސްލަހަތު އިސްކުރުމުގެ ސަބަބުން "ހިޞާރު" ވެފައި ކަމަށް ބިގޭ ވަނީ ފާހަގަކުރައްވާފައެވެ.

ބިގޭ ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި ސްޕުރީމް ކޯޓުން ކޮންމެ ނިންމުމެއް ނިންމި ނަމަވެސް އެމްޑީޕީން އެ ނިންމުމަށް ފާޑެއް ނުކިޔާނެ ކަމަށާއި އެ ޕާޓީން އެ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުގެ އެދިވަޑައިގަތުމާއެކު އެމްޑީޕީގެ ވިސްނުމަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުން ކަމަށް ބިގޭ ވަނީ ފާހަގަކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!