ރިސޯޓުތައް ތަރައްޤީ ކުރުމަށް ބަންދު ކުރެވޭ މުއްދަތު އިތުރުކޮށްފި
ޓޫރިޒަމްގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީ ކުރުމަށް ބަންދު ކުރެވޭ މުއްދަތު ދެ އަހަރަށް އިތުރު ކޮށްފިއެވެ.
މީގެ ކުރިން ރިސޯޓެއް އަލުން ތަރައްޤީ ކުރުމަށް ބަންދުކުރަން ހުއްދަ ދެނީ 18 މަސް ދުވަހަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އަލަށް ގެނައި އިސްލާހުގައި ބުނީ ރީޑިވެލޮޕްމަންޓަށް ތަނެއް ބަންދު ކުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހަށް ކަމަށެވެ.
ހަމަ އެހެންމެ މި ޤަވާއިދަށް އަމަލުކުރަން ފަށާއިރު، ރީޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަން، ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، އިތުރު އެއް އަހަރު ދުވަހުގެ މުއްދަތެއް އެތަންތަން ރީޑިވެލޮޕްމަންޓް ކުރަން ދެވިދާނެ ކަމަށް ވެސް މި ޤަވާއިދުގައި ބުނެފައި ވެއެވެ.
އަދި ދީފައިވާ މުއްދަތުގައި މަސައްކަތް ނުނިމޭ ހާލަތުގައި، ގަވާއިދުގައިވާ ގޮތަށް މަސައްކަތް ނިންމުމަށް އިތުރު ޕީރިއަޑް އިތުރުކޮށް ދިނުމުގެ އިޚްތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މި ގަވާއިދުގައި ބުނެފައިވާ ގޮތުން މުއްދަތު އިތުރު ކުރުމުގެ ކުރިން، ތަން ބަލާ ފާސްކޮށް، މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަން ޓޫރިޒަމް މިނިސްޓްރީން ކަށަވަރުކުރަން ޖެހޭނެ ކަމަށާއި މަސައްކަތް ނިމިފައިވާ ގޮތް ބަޔާންކޮށްދޭ ރިޕޯޓެއް ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ އިންޖިނިއަރެއްގެ ސެޓިފިކެޓަކާއެކު ހުށަހެޅަންޖެހޭނެ އެވެ.
މީގެ އިތުރުން މި އިސްލާހުގައި ވާގޮތުން ކޯޓު ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެން، ތަނަކާ ގުޅުން ހުރި ހައްޤުތައް އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި، އެ ތަނެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭނެ އެންމެ ދިގު މުއްދަތު ގުނަން ފަށާ ތާރީޚަކީ އެ ތަނަކާ ގުޅުން ހުރި ހައްޤުތައް ބަދަލުކޮށްފައިވާ ތާރީޚެވެ.