ޑރ. މުޢިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގެ ދައުވަތު މޯދީއަށް ފޮނުވައިފި

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުވާފައިވާކަން އެ ގައުމުގެ ސަރުކާރުން ކަށަވަރު ކޮށްދީފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ ޑރ. މުޢިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދީފައިވާ ކަމަށާއި ނަމަވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.
އެ ރަސްމިއްޔާތުގެ ދައުވަތު މޯދީއަށް ފޮނުވާފައިވާއިރު މިދިޔަ މަހު އިންޑިއާއިން ވަނީ ޑރ. މުޢިއްޒުގެ ކުރިއަށް އޮތް ސަރުކާރާ އެކު ބިނާކުރަނިވި ގޮތެއްގައި ގުޅުން ބަދަހިކުރަން އުއްމީދުކުރާ ކަމަށް ބުނެފައެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ހަވީރު 16:45ގައި ޖުމްހޫރީ މައިދާނުގައެވެ.
އެ ރަސްމިއްޔާތައް އާންމުގެ 1000 މީހުންނަށް ދައުވަތް ދޭން ނިންމާފައިވާއިރު ރަސްމީ 3500 ދައުވަތްދޭން ނިންމާފައިވެއެވެ. އެހެންކަމުން މުއިއްޒު ހުވާ ކުރައްވާއިރު 4500 ވަރަކަށް މީހުންނަށް ދައުވަތު ދޭނެއެވެ.







ކޮމެންޓް