ހުޅުލޭގެ މަގާއި ފަޅުން ބައެއް ވަކި ވަގުތަކަށް ބަންދު ކުރަނީ

ހުޅުލޭގެ މަގާއި ފަޅުން ބައެއް ވަކި ވަގުތަކަށް ބަންދު ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް އެމްއޭސީއެލުން ވިދާޅުވީ ބޭރު ޤައުމެއްގެ އިއްޒަތްތެރިއަކު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވާތީ މާދަމާ އާއި އަންނަ އާދިއްތަ ދުވަހު ހުޅުލޭގެ މަގާއި ފަޅުން ބައެއް ވަކި ވަގުތަކަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެމްއޭސީއެލް އިން ވިދާޅުވީ ހުޅުލޭގެ މަގާއި ފަޅު ބަންދު ވާނީ މާދަމާ އިރުއޮއްސި 6:35 އިން 7:20 އަށް އަދި އާދިއްތަ ދުވަހު ހެނދުނު 7:00 އިން 7:50 އަށް ކަމަށެވެ.
މި ވަގުތުތަކުގައި އެމްއޭސީއެލް ސްޓާފް ބަސް އަދި އެމްޓީސީސީ ބަސް ހުއްޓާނީ ވެސްޓާން ޕާކިން ސަރަހައްދު (އޭ) އަށް ކަމަށް ވެސް އެމްއޭސީއެލުން ހާމަކުރެއެވެ.
އަދި އެމްއޭސީއެލް ފެރީ ގާތް ކުރާނީ ވެސްޓާން ޕާކިން ސަރަހައްދު (ބީ) އަށް ކަމަށާއި މިވަގުތު ހުޅުލެ ފަޅަށް ވަދެ ނުކުމެވޭނީ ދެކުނު ނެރު (ސީ) އިން ކަމަށްވެސް އެމްއޭސީއެލުން ހާމަކުރެއެވެ.
ހަމަ އެހެންމެ އެމްއޭސީއެލުން ވަނީ މި ވަގުތުތަކުގެ އެއް ގަޑިއިރުގެ ކުރިން ކާގޯ ޓާމިނަލާ ދިމާލުގައިވާ ނެރު (އީ) އިން ފެށިގެން ރަސްމީ ފާލަމާ ދިމާލުގައިވާ ނެރު (ޑީ) އާ ހަމައަށް ކުރެހުމުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް އަޅާފައި ނުބޭއްވުމަށް އެދިފައެވެ.
މީގެ އިތުރުން މި ވަގުތުތަކުގައި އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ޑޮމެސްޓިކް ޓާމިނަލްގެ އުތުރު ކަންމައްޗާ ދެމެދު ކުރެހުމުގައިވާ ގޮތަށް ބަންދު ކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ވިދާޅުވެފައި ވެއެވެ. އަދި އެ ސަރަހައްދުން ހިނގުމުގައި ވެސް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ އިރުޝާދަށް ސަމާލުކަން ދިނުމަށް އެމްއޭސީއެލުން ވަނީ އެދިފައެވެ.