ޚަބަރު

މާސްޓާސް އޮތް އިމާމުންނަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ: ޑރ ޝަހީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސްއާ ހަމައަށް ކިޔަވާފައި ތިބި ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓަރު ކަމާ ޑރ. ޝަހީމް އައްޔަން ކުރައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ. މިނިސްޓްރީއާ ހަވާލު ވަޑައިގަތުމާއެކު ޑރ. ޝަހީމް ގެންދަވަނީ އެމަނިކުފާނުގެ މިނިސްޓަރުކަމުގައި ކުރައްވަން ނިންމަވާފައިވާ ކަންކަން އިސްލާމިކް މިނިސްޓްރީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހާމަ ކުރައްވަމުންނެވެ.

އިމާމުންނަށް އޮތް ފުރުސަތުތަކާ ގުޅޭ ގޮތުން މިއަދު ޑރ. ޝަހީމްގެ އަމިއްލަ ޓްވިޓަރ ހޭންޑަލްއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުގެ އިތުރުން, މިޞްރާއި ސައުދީ އަރަބިއްޔާއާއި މޭލޭޝިއާއާއި, ބުރޫނާއި އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކުން އިމާމުންނަށް ތަމްރީންވުމުގެ ފުރުސަތު ހޯދަވައިދެއްވާނެ ކަމަށެވެ.

ޑރ. ޝަހީމަކީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭރު ވެސް ޑރ. ޝަހީމް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. ޑރ. މުޢިއްޒު ވަނީ އިއްޔެ ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ދީނީ ކަންކަމަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!