މަޖިލީހަށް ދޮގު ހެދި ކަމަށްބުނާ މައްސަލާގައި އަމީން ކޮމެޓީއަށް ހާޒިރުކުރަނީ
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު ހެދި ކަމަށް ބުނާ މައްސަލާގައި މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް އަމީން ހާޒިރު ކުރަން ނިންމައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް އިތުރަށް ބޭނުންވާ 75 ވެންޓިލޭޓަރާއި ގުޅިގެން މިނިސްޓަރު އަމީން މަޖިލީހަށް މީގެކުރިން ދެއްވި މައުލޫމާތުގައި ވިދާޅުވީ އެ ވެންޓިލޭޓަރުތައް ހޯދުމަށް ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބާއި ޔޫއޭއީގެ ޑަބްލިއެޗްއޯގެ ކަންޓްރީ އޮފިސަރު މެދުވެރިކޮށް ވެންޓިލޭޓަރުތަކުގެ އަގު ބެލުމަށްފަހު ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑީންއާ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެެ ދަށުން ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަހުގެ 19ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިސްޓަރު އަމީން މިހެން ވިދާޅުވިއިރު، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި އަދި އިއްޔެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ދެއްވި ބަޔާނުން މިނިސްޓަރު ދެއްވި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތެއް ނޫންކަން ހާމަވާ ކަމަށެވެ.
"މިހެން ވަޒީރު ވިދާޅުވުމަށްފަހު، އޮޑިޓާ ޖެނެރަލްގެ ރިޕޯޓާއި ވަކިން ހާއްސަކޮށް އިއްޔެ އޮޑިޓާ ޖެނެރަލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްވި ބަޔާނާ އެކުވީމަ، އަޅުގަނޑަށް ފެންނަނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް" ނަޝީދު ވިދާޅުވިއެވެ.
މި ބާވަތުގެ މައްސަލަތަކަކީ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބަލާ މައްސަލަތައް ކަމުން މި މައްސަލަ ބެލުމަށް އެ ކޮމިޓީ އަށް ފޮނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއަދު ބޭއްވި އިމްތިޔާޒު ކޮމެޓީގެ ސަބް ކޮމެޓީގައި ވަނީ އަމީން ހާޒިރު ކުރުމަށް ނިންމާފައެވެ. ނަމަވެސް ހާޒިރު ކުރާނެ ދުވަހެއް ނުނިންމައެވެ.