ގުދުރަތީ ރީތި ބީޗެއް ބަލާލަން ބޭނުން ނަމަ ދާންވީ މާކުރަތަށް!
ދާދި އިހަކަށް ދުވަހު ފޭސްބުކުން އަޅުގަނޑަށް ފެނުނު ވަރަށް ހިތްގައިމު ފޮޓޯ ތަކަކުން އެއީ ކޮން ރަށެއްގެ ފޮޓޯތަކެއްތޯ ބަލާލުމަށް ހިތުގައި ޝައުގުވެރިކަން އުފެދިއްޖެއެވެ. މި ފޮޓޯ ލައިފައިވަނީ އަޅުގަނޑު ދަންނަ ފަރާތަކުން ކަމަށްވާތީ އެއީ ކޮންރަށެއްތޯ އަހާ މެސެޖު ކޮށްލީމެވެ. އޭނާ ބުނީ އެއީ ރ އަތޮޅު މާކުރަތު ކަމަށެވެ.
އެ ފޮޓޯގައި ފެންނަނީ ރީތި ހިތްގައިމު ގޮނޑުދޮށެކެވެ. އެހާ ޗާލު ދޮންވެލިގަނޑެއްގައި ފައި ޖެހިއްޖެ މީހަކު އެތަނުން ދާން ބޭނުން ނުވާނޭ ކަން ގައިމެވެ. ކުރިމަތީގައި ފެންނަން އޮތީ ބިއްލޫރި ކޮޅެއްހާ ސާފު މޫދެވެ. އެއްފަހަރު އެތަނަށް ގޮސްފި މީހަކު އަނެއް ފަހަރުވެސް ދާން ބޭނުންވާނެ ކަން ގައިމެވެ.
ދެން އަށް މައުލޫމާތު ދެމުން މާކުރަތުގެ ޒުވާނަކު ބުނީ، މި ބީޗަކީ އެރަށުގެ ޒުވާނުންގެ މިންނަތް މަސައްކަތުން ހަދާފައިވާ ބީޗެއް ކަމަށެވެ. އެ ބީޗަށް ކައިރި އެހެން ރަށްރަށުގެ މީހުންވެސް ޒިޔާރާތް ކުރާ ކަމަށް އެ ޒުވާނާ މައުލޫމާތު ދިނެވެ. އަދި ހަފްތާ ބަންދުތަކުގައި އެ ރަށުގެ މި ބީޗް އޮންނަނީ ފުރި ބާރުވެފައި ކަމުގައި ވެސް އޭނާ ބުންޏެވެ.
މި ބީޗު ހަދަން ފެށުނު ގޮތް ކިޔައިދެމުން އެޒުވާނާ ބުނީ އެންމެ ފުރަތަމަ ޒުވާނުން ކޮޅެއް ވެގެން ބީޗުގެ ތަންކޮޅެއް ސާފުކޮށްލީ ކަމަށެވެ. އަދި އެއަށްފަހު މަދުމަދުން ޒުވާނުންގެ މަސައްކަތުން އެތަން ބޮޑުކުރި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިހާރު ވަރަށް ބޮޑު ސަރަހައްދެއް އޮންނަނީ ސާފުކޮށް ހަދާފައި ކަމަށް ވެސް އޭނާ ބުންޏެވެ.
މި ސަރަހައްދަށް އާއިލާ ތަކުން އަދި ރައްޓެހިން ގުރޫޕް ހަދައިގެން ހެނދުނުގެ ސަޔަށް ވެސް ދާ ކަމަށް އޭނާ ބުންޏެވެ. އަދި މެންދުރުގެ ކެއުމަށާއި ހަވީރު ސަޔަށް ވެސް އެސަރަހައްދަށް މީހުން ދާ ކަމުގައި އެޒުވާނާ ބުންޏެވެ. އާއިލާއާއި އެކު ނުވަތަ ރައްޓެހިންނާއެކު އެފަދަ ހިތްފަސޭހަ މާހައުލެއްގައި ހޭދަކޮށްލެވޭ ވަގުތުތަކަކީ ހަމަ ގައިމުވެސް ވަރަށް އަގުހުރި ވަގުތުތަކެއް ކަން ގައިމެވެ. އެފަދަ އަގުހުރި ވަގުތުތަކެއް ހޭދަކޮށްލުމަށް މާކުރަތުގެ ޕިކްނިކް ބީޗު ވަރެއް ހަމަ ނެތެވެ.
އާއިލާތައް ދަތުރު ހަދައިގެން އެތަނަށް ގޮސް މުޅި ދުވަސް އެކުގައި އެތަނުގައިވެސް ހޭދަކޮށްލާ ފަހަރު އަންނަ ކަމަށް އޭނާ ބުންޏެވެ. އެގޮތުން މަޖާ ހަދައިގެން މޫދަށް މަޖާކޮށްލުމަށް ވެސް ގިނަ ބަޔަކު މި ބީޗަށް ގޮސް އުޅޭ ކަން އޭނާ ފާހަގަ ކުރިއެވެ. މި ސަރަހައްދު ވެފައި ވަނީ އެރަށުގެ މީހުން މިހާރު އެންމެ ދާހިތްވާ އެއް ތަނަށެވެ. ހިތްހަމަ ޖައްސާލުމަށް ދާން އޮންނަ މަންޒިލަށެވެ.
މި ބީޗުގައި ޒިޔާރާތްކުރާ މީހުން މޫދަށް އެރުމަށް ފަހު ގަޔަށް ފެން އަޅާލުމަށް ޓަކައި ވަޅެއް ވެސް ތައްޔާރުކޮށްފައިވެއެވެ. ދިވެހިން އެންމެ އިހު ޒަމާނުގައި ފެންވަރާ އުޅުނީ ވަޅުންނެވެ. އެ ދިރިއުޅުން މި ވަޅުން ގަޔަށް ފެން އަޅާލުމުން ތަޖުރިބާ ކޮށްލެވޭނެ ކަން ގައިމެވެ.
ގުދުރަތީ ޗާލު ގޮނޑުދޮށަކާއި ބިއްލޫރިކޮޅެއްފަދަ ޗާލޫ މޫދެއް ބަލާލައި ރާއްޖޭގެ ހަގީގީ ގުދުރަތީ ރީތިކަން ތަޖުރިބާ ކޮށްލަން ބޭނުންނަމަ ދާންވީ ދެވަނަ އެހެން ތާކަށް ނޫނެވެ. ރ. މާކުރަތު ޕިކްނިކް ބީޗަށް ކަން ޔަގީނެވެ.
ވަރަށް ސަޅި