ޚަބަރު އިޖުތިމާޢީ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ''މިފްކޯ ކުޑަކުދިންގެ ހަވީރު''ގެ ނަމުގައި އިވެންޓެއް ބާއްވަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނާއި ހިއްސާކޮށް މި ސިނާޢަތާއި މެދު ސްކޫލުކުދިންގެ މެދުގައި ޝަޢުޤުވެރިކަން އުފެއްދުމަށްޓަކައި "މިފްކޯ ކުޑަކުދިންގެ ހަވީރު" ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

Ads by STELCO

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިއަދު ބުނީ އެ މިނިސްޓްރީއާއި މިފްކޯއިން ގުޅިގެން އިންތިޒާމްކުރާ މި ހަވީރުގެ ހޮސްޓިންގް ޕާޓްނަރަކީ އަރބަންކޯ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 8 ޑިސެމްބަރ 2023 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާރކުގައި ކަމަށެވެ.

އެގޮތުން މި ހަވީރަކީ ހުނަރުވެރި، ހޭލުންތެރި އަދި ޝައުގުވެރިކަމާއިއެކު ކުދިންނަށް ހޭދަކޮށްލެވޭ ވަގުތުކޮޅަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި އިވެންޓަށް ވަންނަ މަގު ހާއްސަކުރެވިފައި ވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ ވޯކްވޭއެއް ގޮތަށް ކަމަށެވެ.

ހަމަ އެހެންމެ މަސްވެރިކަމާއި ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް މި ހަވީރުގެ ތެރެއިން ފެނިގެން ދާނެކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން މަސްކެނޑުމުގެ ހުނަރު ދައްކާލުމާއި ކަނޑުމަހުގެ ބާވަތްތަކުން ތަފާތު ދިވެހި ކާއެއްޗެތި ތައްޔާރު ކުރުމުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން މަހުގެ ތަފާތު އުފެއްދުންތައް ދައްކާލެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރާތްތަކާއި "ފަސްމީރު ޔަންގް ޝެފް" ނަމުގައި މުބާރާތެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި މި މުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް ޚާއްސަ އިނާމްތަކެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަސްވެރިކަމާއި ގުޅޭ ހަރަކާތްތަކުގެ އިތުރުން، އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ ކުދިން ޝައުޤުވެރިވާ ފަދަ ތަފާތު ކުޅިވަރުތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ގޭމްތަކެއްވެސް މި އިވެންޓްގެތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!