ޚަބަރު އިޖުތިމާޢީ ސަރުކާރު ސިޔާސީ

ތުރުކީވިލާތުގެ އަންކާރާގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރަން ނިންމައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ތުރުކީވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤްތިޞާދީ، އަދި ޘަޤާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމު ކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާފުޅާއެކު މިއަދު ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by STELCO

މި ނިންމެވުން ރައީސް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މިގޮތުން، މި ނިންމެވުން ނިންމެވީ، ތުރުކީވިލާތަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ (އެސެންޝަލް ކޮމޯޑިޓީސް) ދިވެހިރާއްޖެއަށް އެތެރެކުރާ ޤައުކަމަށްވުމާއި، ރާއްޖެއަށް އެތެރެކުރަންޖެހޭ އެހެނިހެން މުހިންމު ސާމާނުވެސް ފަސޭހަކަމާއެކު ލިބެން ހުރި ޤައުމަކަށްވާތީއެވެ.

ހަމަ އެހެންމެ ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަރުވައި ރާއްޖޭގެ އުފެއްދުންތައް ތުރުކީވިލާތަށް އެކްސްޕޯޓު ކުރުމަށްވެސް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުން މީގެ ތެރޭގައި ހިމެނެއެވެ.

ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތަޢުލީމު ޙާސިލު ކުރުމަށް ތުރުކީވިލާތަށް ދިއުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އެ ޤައުމަށް ދާ ދިވެހި ފަތުރުވެރިންގެ ޢަދަދުވެސް ވަރަށް ބާރު ދުވެލީގައި އިތުރުވަމުން ދިއުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީ ޤާއިމު ކުރުމުން ކޮންސިއުލަރ ޚިދުމަތްތައްވެސް ފަސޭހައިން ލިބޭނެގޮތް ހަމަޖެހިގެންދާނެއެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1979 މޭ 28 ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!