ޚަބަރު

އައްޑޫ ފިހާރައަކަށް ވެދެ ސޭޓަށް ވަޅިން ހަމަލާދިން މީހަކު ފުލުހުން އަތުލައިގެންފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އައްޑޫސިޓީ ފިހާރައަކަށް ވަދެ ސޭޓަކަށް ވަޅިން ހަމަލާދީ، ފޭރިގަތް މީހަކު ފުލުހުން އަތުލައިގެންފިއެވެ.

Ads by STELCO

މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށްވަދެ ވައްކަން ކުރަން އުޅުނު މައްސަލައެއް މިއަދު މެންދުރު 15:10 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ވައްކަން ކުރަން ވަތް މީހާ ހިފަހަށްޓަން އުޅުމުގެ ތެރޭގައި ފިހާރައިގެ ސޭޓަކަށް ހުރި މީހާއަށް އަނިޔާވެފައިވާ ކަމަށާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދިނުމަށް ފަހުގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 37 އަހަރު ދިވެހި ފިރިހެނެއް ކަމަށާ އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ފަހަކަށް އައިސް އައްޑޫ ސިޓީގައި ގޭންގް މާރާމާރީތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!