ޚަބަރު

ރާއްޖެ ވިއްކާލުމާ ދެކޮޅަށް އިދިކޮޅުން މާދަމާ ނިކުންނަނީ ހުއްބުލްވަތަންގެ ސިފަތައް ދިފާއުކުރުމަށް: ނިމާލް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖެ ވިއްކާލުމާ ދެކޮޅު ޕީޕީއެމް،ޕީއެންސީ ކޯލިޝަނުން އިދިކޮޅުން މާދަމާ ނިކުންނަނީ ހުއްބުލްވަތަންގެ ސިފަތައް ދިފާއުކުރުމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ނިމާލް މިހެން ވިދާޅުވީ މާދަމާ އިދިކޮޅުން މާލެ ފިޔަވައި އެހެން އަތޮޅުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް ކުރުމަށް ނިންމާފައިވަނިކޮށެވެ. އެ މުޒާހަރާ ކުރަނީ ރާއްޖެ ވިއްކާލުމާ ދެކޮޅަށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން އަތޮޅު ތެރޭގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ނިމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މާދަމާ އިދިކޮޅު މެމްބަރުންނާއި ގައުމު ދެކެ ލޯބިވާ ދިވެހި ރައްޔިތުން ނިކުންނަނީ ހުއްބުލް ވަތަންގެ ސިފަތައް ދިފާއުކުރުމަށް ލައްބައެކޭ ބުނެ ދިވެހި ގައުމިއްޔަތުގެ ކަމަރު ބަނދެލައިގެން ގައުމުގެ ދިފާއުގައި ކަމަށެވެ.

"އެންމެ ފުރަތަމަ ގައުމު." ނިމާލް ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅުން ހާމަ ކޮށްފައިވަނީ މާދަމާ ކުރިޔަށް ގެންދާ މުޒާހަރާތައް ކުރިޔަށް ގެންދާނީ ސުލްހަވެރިކަމާއި އެކުގައި ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭގެ މިންގަނޑުތަކާއި އުސޫލުތަކަށް ޢަމަލު ކުރާނެ ކަމަށް އެފަރާތުން ހާމަކޮށްފައި ވެއެވެ.

އެ އިހުތިޖާޖުގައި އިދިކޮޅުގެ ލީޑާޝިޕަށް ބައިވެރި ނުވެވުނު ނަމަވެސް މާދަމާ މާލޭގައި އޮންނަ ސައިކަލް ބުރުގައި ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވާނެ ކަމަށް ޕީޕީއެމުން ހާމަކޮށްފައިވެއެވެ. ހަމަ އެހެންމެ ރަށްރަށުގެ މުޒާހަރާތަކުގައި އެ ކޯލިޝަންގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުންނެއް ބައިވެރިވާނެ ކަމަށް ވެސް އިދިކޮޅުން ހާމަކޮށްފައިވެއެވެ.

ރަށްރަށުގައި ކުރިއަށްގެންދާ މުޒާހަރާއާއި މާލޭގައި ބާއްވާ ސައިކަލް ބުރު ކުރިއަށް ދާނީ މާދަމާ ހަވީރު 4:00 އިން އިރު އޮއްސި 6:00 އަށް ކަމަށް އިދިކޮޅުން ބުނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!