ހުރިހާ އެންމެން ހިތު ހުރި ވަގުތެއްގައި ހިތުހުރި ކަމެއް ކުރާ ވަރަށްވުރެ މާލެ މިހާރު ތޮއްޖެހިއްޖެ: ސައިފް
މާލޭގައި ހިންގަމުންދާ ކަންކަމަށް ވަރަށް ކުދިކުދި އިންތިޒާމުތައް ހަމަޖައްސައިގެން މާލޭގައި މިވަގުތު ދިމާވެފައިވާ މައްސަލަ ތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ޑިމޮކްރެޓްސް އިން ވާދަ ކުރައްވާ މުޙައްމަދު ސައިފް ފާތީޙް ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މިހާރު ކުރައްވަމުން ގެންދަވާ ސައިފް މިހެން ވިދާޅުވީ އެ ޕާޓީން ކައުންސިލަށް ނެރޭ ކެނޑިޑޭޓުންގެ ކެންޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސައިފްގެ ވާހަކަފުޅުގައި ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށްފަހު ދެން މާލޭ ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލައަކީ މަގުތަކުގައި ތޮއްޖެހުން ބޮޑުވާ މައްސަލަ ކަމަށެވެ. އެ މައްސަލަތައް ހައްލު ކުރަން ކުދިކުދި ބަދަލުތައް ގެންނަން ޖެހޭ ކަމަށް ސައިފް ވިދާޅުވިއެވެ.
މިއަދު ވެސް މާލޭގެ މަގުތަކުގެ އިންތިޒާމުތަކަށް ކުދި ކުދި ބަދަލު ގެނެސްގެން ބައެއް ކަންކަމަށް ހައްލެއް އަންނާނެ" ސައިފް ވިދާޅުވިއެވެ.
ސައިފް އިތުރަށް ވިދާޅުވީ މާލޭގައި މިހާރު ކަންކަން ކުރެވެންވާނީ ތަރުތީބު ކުރެވިގެން ކަމަށެވެ. އަދި ކޮންމެ މީހަކު ކޮންމެ ވަގުތަކު ކޮންމެ ކަމެއް ކުރަން ދޫކޮށްލައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
"ހުރިހާ އެންމެން ހިތު ހުރި ވަގުތެއްގައި ހިތުހުރި ކަމެއް ކުރާ ވަރަށްވުރެ މާލެ މިހާރު ތޮއްޖެހިއްޖެ. މިތާ މީހުން ގިނަ ވެއްޖެ."ސައިފް ވިދާޅުވިއެވެ.
އެގޮތުން މާލޭގައި ޓްރެފިކް ބޮޑުވާ ވަގުތުތަކަށް ބަލާ, މުދާ އުފުލުން އެވަގުތު ތަކުގައި މަނާ ކުރުން ފަދަ ކުޑަ ކުޑަ ކަމަކުން ޓްރެފިކް ފްލޯއަށް ބޯޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ސައިފް ވިދާޅުވިއެވެ.
ސައިފް ވަނީ ކުރީ ސަރުކާރުން މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ފެށި ގޮތަށް ވެސް ފާޑު ކިޔާފައެވެ. އެގޮތުން މާލޭގެ ހިމަ މަގުތަކުގައި ބޮޑެތި ބަސް ދަތުރު ކުރާތީ ސައިފް ވިދާޅުވީ, އެފަދަ ކަންކަމަކީ ސިޓީ ކައުންސިލާ މަޝްވަރާ ކުރެވިގެން ކުރަން ޖެހޭ ކަންކަން ކަމަށާއި, ނަމަވެސް އެކަން އެގޮތަށް ނުކުރުމުން މިއަދު އޭގެ ގޯސް ނަތީޖާ ފެންނަ ކަމަށެވެ.