ރައީީސްއާއިއެކު ކުރެއްވި މަޝްވަރާތަކުގެ ތަފްޞީލު ހާމަ ނުކުރާތީ، އަމްރު ހިތްހަމަނުޖެހިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލުކުރައްވައި، ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު އިއްޔެ ކުރެއްވި މަޝްވަރާތަކުގެ މަޢުލޫމާތު ހާމަކުރައްވާފައި ނުވާތީ، އެ ޕާޓީގައި އިސްކޮށް އުޅުއްވާ ޙުސެއިން އަމްރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިއްޔެ ހަތަރު ސިޔާސީ ޕާޓީއެއްގެ ލީޑަރުން ރައީީސް މުޢިއްޒު އާއި ބައްދަލުކުރެއްވިއެވެ.އެއީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމެވެ.
މި ބައްދަލުވުންތަކުގެ ތަފްސީލު ހާމަކުރައްވާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ވާހަކަތަކެއް ފެންމަތިވެފައިވާ ވަގުތެއްގައި ސިޔާސީ ޕާޓީތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ކުއްލިއަކަށް ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާއެއްގެ ތަފްސީލު އެ ޕާޓީތަކުގެ އާންމު މެންބަރުންނާއި ރައްޔިތުންނަށް ސާފުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރައީސް އިއްޔެ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވިއިރު، އެމްޑީޕީން ވަނީ، އެ ޕާޓީގެ މެމްބަރުންނަށް އެކަނި ރައީީސް އާއި ނައިބު ރައީީސް ވަކި ކުރެވޭނެ ގޮތް ހަދައިފައެވެ.







ކޮމެންޓް