"!ހީކުރީ އަހަރެންގެ ބައްޕައަށް ތިދެވުނީ އަނިޔާއެއް ކަމަށްތަ؟ ބައްޕައަށް ތި ދިނީ ޝަހީދެއްގެ ލަޤަބު"
މިއީ މިދިޔަ އަހަރު ނިއު ޒިލެންޑުގެ ކްރިސްޓްޗާޗް މިސްކިތަކަށް ބަޑީގެ ހަމަލާދީ، އެތައް މުސްލިމުންނެއް ނަމާދަށް ތިއްބާ ޝަހީދު ކޮށްލިއިރު، އެދުވަހު ޝަހީދުވީ އެކަކުގެ ދަރިއެއް ހިއްސާ ކޮށްފައިވާ އޭނަގެ ޝުޢޫރުތަކެކެވެ.
މިމެސެޖު އޭނާ ދީފައިވަނީ އެދުވަހު އެހަމަލާދީ، އެތައް މުސްލިމުންނެއް ޝަހީދު ކޮށްލި ގާތިލަށެވެ. މިއީ އެގާތިލުގެ ޝަރީޢަތުގައި އޭނާ ބުނި ބަސްތަކެވެ.
"އަހަރެންގެ ނަމަކީ އަޙަދް ނަބީ އެވެ. އަހަރެންގެ ބައްޕަގެ ނަމަކީ ޝަހީދު މުޙައްމަދު ޙާޖީ ދާވޫދު ނަބީ އެވެ. ބައްޕަ އުފަންވީ އަފްޣާނިސްތާނުގެ ކާބުލް އަށެވެ
ބައްޕައަކީ ހިތްވަރުގަދަ ލީޑަރެކެވެ. އެހެން މީހުންނަށް ހުރި ލާމަސީލު ނަމޫނާ އެކެވެ.
ތިބާވަނީ އަހަރެންގެ ބައްޕައަށް އަނިޔާ ކޮށްފައެވެ. ނަމަވެސް ތިބާއަކަށް ދުވަހަކު ވެސް އަހަރެންގެ ބައްޕަ އަހަންނާއި ދުރުކުރެވިފައެއް ނުވެއެވެ.
އަހަރެން މިބުނާ އެއްޗެއްގެ މާނައަކީ، ތިބާއަށް އަހަރެންގެ ބައްޕައަށް ހަމައެކަނި ދެވިފައިވަނީ ޖިސްމާނީ އަނިޔާއެވެ. ތިބާއަށް ނޭނގިނަމަވެސް ވަނީ އަހަރެންގެ ބައްޕައަށް އަގު ނުކުރެވޭފަދަ ހަދިޔާއެއް ދެވިއްޖެއެވެ. ޝަހީދެއްގެ ދަރަޖަ ދެވިފައެވެ. މިހާރު އަހަރެންގެ ބައްޕަވަނީ މާތް ﷲ ގެ ޙަޟްރަތުގައެވެ.
ތިބާ އެދުވަހު ހަމަލާދިނީ އަމިއްލަ ނަފްސު ދިފާޢު ނުކުރެވޭ މީހުންނަށެވެ. ކަންތައްތައް ވަމުންދިޔަ ގޮތެއް އެމީހުންނަށް އެނގުނީވެސް މާލަސްވީ ފަހުންނެވެ.
ތިބާ ދިން ޙަމަލާތަކަކީ ބަޠަލެއްގެ ދަރަޖަ ދެވޭވަރުގެ ޢަމަލެއް ނޫނެވެ. މީހުންގެ ފުރަގަހުން ގޮސް އެމީހުންނަށް ހަމަލާ ދިނުމުންވެސް އޭގެ ތެރޭގައި އަމިއްލަ ނަފްސު ދިފާޢުކުރި މީހުން އެބަތިއްބެވެ. އެހެންކަމުން ތިބާގެ ޢަމަލުތައް ވަރަށް ވެސް ފިނޑިއެވެ.
ތިބާާ ތިކުރި އެކަންތަކަށް އަހަރެން މާފެއް ނުކުރަމެވެ. ނަމަވެސް ތިބާ މިހާރު ޖަލުގައި ބަންދު ކޮށްފައިހުރިއިރު، ތިހުރީ އަޛާބު ލިބިލިބިކަން ދަންނާށެވެ. ތިބާއަށްޓަކައި އޮތީ ނަރަކައިގެ އަލިފާންގަނޑެވެ.
ތިއީ އެއްވެސް ބޭނުމެއް ހުރި މީހެއް ނޫނެވެ. ތިބާގެ އަމިއްލަ ބައްޕަ ވެސް އެހުރީ ތިބަދެކެ ނުރުހިފައެވެ. ލަދުގަނެފައެވެ. ހަގީގަތުގައި ތިބާ ތިހުރީ ވަޅުލާންވެފައެވެ. ތިބާ ކަހަލަ މީހުންނަކީ ބަދަލުވާނެ ބައެއް ނޫނެވެ.
ތިބާ ބޭނުންވަނީ މިދުނިޔޭގައި ހުސް އެއް ކުލައެއްގެ މީހުން އެކަނި ތިބެން ހެއްޔެވެ؟ ހުސް އެއް ދީނެއްގެ މީހުން ތިބެން ހެއްޔެވެ؟ ތިބާއަކަށް އެކަމެއް ހަމަ ހިލާ ނުވާނެއެވެ."
އަޙަދް ނަބީގެ ވާހަކަ ނިންމާލަމުން އޭނާ މިމައްސަލަ ބަލާ ފަނޑިޔާރުގާތު އެދިފައިވަނީ، އޭނާގެ ބައްޕަގެ ގާތިލު ބްރެންޓޮން ޓެރަންޓް، މުލި އުމުރު ދުވަހަށް ޖަލަށް ލުމަށެވެ.