ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި

މަސްދޯނި ފަހަރުގެ ފަޅުވެރިންނަށް ޚާއްސަކޮށްގެން ރެސްކިއު ޑައިވިން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނީ، ވައިފުޅިއަޅައިގެން ފީނައިގެން އެންދަމާ މަސްދޯނިފަހަރުގައި ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއްފަޅުވެރިޔަކު ބެހެއްޓުމަށްޓަކައި މަސްދޯނިފަހަރަށް އަމާޒުކޮށް ޑައިވިންގ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެންދެމުމަށާއި އެނޫން ވެސް ކަންކަމަށް މަސްވެރިން ވަރަށް ގިނައިން ފީނަން މޫދަށް ފައިބާ ކަމަށާއި މިގޮތަށް ފައިބާއިރު ދޭތެރެއަކުން އަޑިއަށް ފީނުމުގެ ތެރެއިން، ހާއްސަކޮށް އެންވެރިކަމަށް ޑައިވް ކުރާއިރު، ހިތާމަވެރި ހާދިސާތައް ހިނގާ، ފުރާނައަށް ނުރައްކާވާ ހާލަތު ވެސް ދިމާވެފަ އެބަހުރިކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މިގޮތުން މިފަދަ ހާދިސާތައް މަދުކުރުމަށް މަސްދޯނި ފަހަރުގައި ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީން ލިބިފައިވާ ޑައިވަރުން ތިބުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަށް މަގުފަހިކޮށްދިނުގެ ގޮތުން ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.