ޚަބަރު އިޖުތިމާޢީ ސަރުކާރު

ހައްޖު ކޯޕަރޭޝަނާ ހައްޖު ކޯޓާ ހަވާލު ކުރުމުގެ އެމް.އޯ.ޔޫގައި ސޮއިކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ ރަސްމީ ހައްޖު ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަން ލިމިޓެޑާ ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ  ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހަމަ އެހެންމެ ހައްޖަށް ދިއުމުގެ އަގު މިހާރަށްވުރެ ކުޑަ ކުރުމުގެ މަސައްކަތްތައްވެސް ހައްޖު ކޯޕަރޭޝަނުން ކުރަމުން ގެންދާ ކަން  ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ހައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމި މަޤްޞަދަކީ، އެއްވެސް ވަރަކަށް ހައްޖަށް މީހުން ގެންދާ ގުރޫޕްތަކަށް އުނދަގޫ ކުރަން ނޫން ކަމަށާއި، ހައްޖު ކޯޓާ ނު އަގުގައި ވިއްކާ އޭގެ ސަބަބުން ދަތިތައް ރައްޔިތުންނަށް ކުރިމަތިވާތީ، އެކަން ހައްލު ކުރުމަށް ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހައްޖު ފަންޑު ތަރައްގީކޮށް، އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަނާއި ގުޅިގެން މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރެއް ކަމަށާއި އެކަން ހާސިލް ކުރުމަށް ހައްޖު ކޯޕަރޭޝަނާއި ގުޅިގެން އަބަދުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ލިބިލައްވާ އެއްބާރުލުން ފާހަގަ ކުރައްވާ ޑރ. ޝަހީމް ވަނީ އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޝަކީލް ވިދާޅުވީ، އެއްބަސްވުމުގައި މިއަދު ސޮއި ކުރެވުނު ނަމަވެސް އިސްލާމިކް މިނިސްޓްރީއާއެކު މަޤާމަށް އައްޔަނު ކުރެވުނު ދުވަހުން ފެށިގެން މަސައްކަތް ކުރަން ފަށާފައިވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!