ތިބާއަށް އަހަރެން ފެންނަނީ ހަމައެކަނި ކަމަކު ޖެހުމުން ހެއްޔެވެ؟
ރަހުމަތްތެރިންނަކީ އެކަކު އަނެކަކު އެހީތެރިކަމަށް ބޭނުން ވެއްޖިއްޔާ އަބަދުވެސް ތިބޭނެ ބައެކެވެ. އެހެން ނަމަވެސް ގިނަފަހަރަށް ކަން ވަނީ މިހެންނެއް ނޫނެވެ. އެތައް މަސްދުވަހެއް ވަންދެން ޚަބަރެއް ދަބަރެއް ނުވެ ހުރެފައި، ކުއްލިއަކަށް މި ގުޅާލަނީ ކޮފީއަކަށް ނޫނީ ކަމަކު ޖެހުމުންނެވެ. ޚަބަރު ވާންވީ ހަމައެކަނި ބޭނުމެއް ޖެހުމުން ހެއްޔެވެ؟
ކިތަންމެ ގިނަ ދުވަހެއް ވިޔަސް އެހީ އަކަށް އެދުމުން ދެވެނީއެވެ. ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނައާ ދޭތެރޭ އެހާ ގާތްކޮށް ދެކެވޭތީއެވެ. އެހެންނަމަވެސް ހިތުގައި އަބަދުވެސް މިކަން އޮވެއެވެ. އަހަރެން ފެންނަނީ ކަމަކު ޖެހުމުން އެކަނި ހެއްޔެވެ؟ އެހެން ނަމަވެސް އަހާކަށް ނުކެރެއެވެ. ހިތްހަމަ ނުޖެހި ދާނެތީއެވެ.
ބައެއް ފަހަރު ރައްޓެހިންނަށް މާ ރަނގަޅު ވެވެނީއެވެ. އެކަމަކު ޠަބިއްޔަތުގައި ވާ މި ރަނގަޅު ސިފަ އަހަރެން ކިބައިން ނެތިކޮށްލަން ވެސް ބޭނުމެއް ނޫނެވެ. ބަދަލުގައި ނޫނެކޭ ބުނަން ޖެހޭ ދަނޑިވަޅުތަކުގައި ނޫނެކޭ ބުނަން ދަސްކުރަންވީއެވެ. ކަމަކު ޖެހިގެން އެހީ އަކަށް އެހޭނީ ވެސް ރަޙުމަތްތެރިން ކިބައިންނެވެ. އެކަމު ޚަބަރެއް ނުވެ ހުރެ ކުއްލިއަކަށް ކަމަކު ބޭނުންވެގެން ބުނުމުން ކޮންމެ މީހެއްގެ ވެސް ހިތަށް އަރާނީ މިހެންތާއެވެ.
އެންމެނަށް ރަނގަޅު ވެގެނެއް ނޫޅެވޭނޭ ބުނާ އަޑު އަހަމުއެވެ. އެހެން ނަމަވެސް އެންމެންނަށް މާ ރަނގަޅު ވެވެނީއެވެ. ރަނގަޅު ވީވީނުން ނޫނެކޭ ބުނަން ޖެހޭ ޙާލަތްތަކުގައި ނޫނެކޭ ބުނަން ވެސް ޖެހިލުން ވަނީއެވެ. ގުޅުން ކެނޑި، ރަޙުމަތްތެރިޔާ ގެއްލިގެން ގޮސްދާނެތީއެވެ. މިއީ އެއްވެސް މީހަކު ދުވަހަކު ވެސް ބޭނުންވާނޭ ގޮތެއްނޫންކަން ޔަގީނެވެ.
ގިނަދުވަސް ތަކަކަށްފަހު ރަޙުމަތްތެރިއެއްގެ ފޯނު ކޯލެއް ލިބުމުން ކިތަންމެހާ ވެސް ހިތްހަމަ ޖެހެއެވެ. އެހެންނަމަވެސް ފޯނު ނެގުމަށް ފަހު ދެން އެބުނާ ވާހަކަ އަކުންމުޅިން ފޫހިވެއެވެ. ކޮންމެސް ކަމެއް ބޭނުންވެގެންނެވެ. މިހެން ވުމުގެ ސަބަބުން ގިނަފަހަރަށް އެމީހުން ގުޅި ކަމުގައި ވީނަމަވެސް ފޯނު ނަގަން ހިތް ނުރުހެއެވެ.
ހަމައެހެންމެ އެމީހުނަށް އެހީ ވެވެން ނެތް ވާހަކަ ބުނިކަމުގައި ވީނަމަވެސް އެމީހުން ދެން ތިބޭނީ ތިބާއާދޭތެރޭ ހިތްހަމަ ނުޖެހިފައެވެ. އޭގެ ސަބަބުން ތިބާގެ ހިތް ވެސް ނުތަނަވަސް ވާނެއެވެ. އުނދަގޫ ވާނެއެވެ. ކޮންމެސް ގޮތަކުން އެހީވެދޭން ބޭނުން ވާނެއެވެ. އެހެންނަމަވެސް ދެން ގުޅާކަށް ނުކެރޭނެއެވެ. އަނެކާ ތިމާއާ ދޭތެރޭ ދެކެނީ ކިހިނެއް ކަން ނޭނގޭތީއެވެ.
މިއީ ހަގީގީ ރަޙުމަތްތެރިން ބާވައެވެ. ތިބާ ކިތަންމެ ގާތްކޮށް އެމީހުނާ ދޭތެރޭ ދުއް ކަމުގައި ވީނަމަވެސް ތިމާ އަކީ އެމީހުން ކުރިމަތީގައި ފެން ކައްކާ ބޮލީގެ އިއްޒަތެވެ. ބޭނުމެއް ޖެހުމުން ޚަބަރު ވާނެއެވެ. ބޭނުން ފުދުމުން އަނެއްކާ ވެސް ދުވަސް ގަނޑަކަށް ގެއްލޭނެއެވެ. މިއީ ދުނިޔަވީ ހަގީގަތެވެ.
ވަރަށް ރަނގަޅު ވާހަކައެއް.. އަދި ބައެއް މީހުންގެ ނަޒަރުގަ އޮންނަ ގާތް ކަމުގެ ސަބަބުން ކޮއްދޭ ކަންކަމަކީ ގަމާރު ކަމުން ކޮއްދޭ ކަންކަން..