ދީން

"ޢާޝޫރާ ދުވަހުގެ ރޯދަ އިސްވެދިޔަ އަހަރުގެ ފާފަތައް ފުހެދެއެވެ."

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޢާޝޫރާ ދުވަހަކީ، ކޮންމެ އަހަރެއްގެ ވެސް މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މިއަހަރުގެ ޢާޝޫރާ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

Ads by STELCO

މިދުވަހަކީ ރޯދަ ހިފުން ސުންނަތްކަން ގަދަވެގެންވާ ދުވަހެކެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

((…صِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ))[أخرجه مسلم– (١١٦٢)] މާނައީ: “ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާ ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުންމީދުކުރައްވަމެވެ.”

މޫސާ އަލައިހި ސަލާމްގެ ޒަމާނުގައި ކޮންމެ މުޙައްރަމް މަހެއްގެ 10 ވަނަ ދުވަހު އެކަލޭގެފާނު ރޯދަ ހިއްޕެވިއެވެ. އެއީ އެދުވަހަކީ ފިރްޢައުނުގެ ނުބައިކަމުން، މާތް ﷲ އެކަލޭގެފާނާއި އެކަލޭފާނުގެ ޤައުމުގެ މީހުން ސަލާމަތް ކުރެއްވި ދުވަސްކަމުގައި ވާތީ، އެކަމަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. އެކަލޭގެފާނަށްފަހު ބައެއް ޔަހޫދީން ވަނީ އެކަން ދަމަހައްޓާ، މުޙައްރަމު މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފާފައެވެ.

އެކަން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު ވަނީ ޔަހޫދީންނާއި ތަފާތު ވުމުގެ ގޮތުން އާޝޫރާ ދުވަހާއި އަދި ޖެހިގެން އެއް ދުވަހު ރޯދަ ހިފުމަށް އިރުޝާދު ދެއްވާފައެވެ.

އެކަލޭގެފާނު ޙަދީޘް ބަސްފުޅެއްގައި އައިސްފައި ވެއެވެ.

ޢައްބުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާޝޫރާ ދުވަހުގެ ރޯދަ ހިއްޕަވައި ރޯދަހިފުމަށް އަމުރުކުރެއްވި ހިނދު ސަޙާބީން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ.

“އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން އެދުވަހަކީ ޔަހޫދީންނާއި ނަޞާރާއިންވެސް މަތިވެރިކުރާ ދުވަހެކެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللهُ صُمْنَا الْيَوْمَ التَّاسِعَ)) [أخرجه مسلم / (١١٣٤) ]މާނައީ: “ފަހެ ޖެހިގެން އަންނަ އަހަރު އިން ޝާ (ދިހަވަނަ ދުވަހާއެކު) ﷲ ނުވަވަނަ ދުވަހު އަހަރެމެން ރޯދަ ހިފާނަމެވެ.” އަނެއް އަހަރު އައުމުގެ ކުރިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެއްޖެއެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. “އަންނަ އަހަރު ދުނިޔޭގައި ހުންނާނޭ ނަމަ (ދިހަވަނަ ދުވަހާއެކު) ނުވަނަ ދުވަހުގައި ރޯދަ ހިފާހުށީމެވެ.”

މި ޙަދީޘަށް ރިޢާޔަތްކޮށް ޢިލްމުވެރިން އިރުޝާދު ދެއްވާފައިވަނީ ޔަހޫދީންނާއި ނަޞާރާއިންނާ ޚިލާފުވުމުގެ ގޮތުން ޢާޝޫރާ ދުވަހާއި އޭގެ ކުރީ ދުވަހު ރޯދަ ހިފުމަށެވެ. އާޝޫރާ ދުވަހުގެ ކުރީ ދުވަހު ރޯދަ ހިފުމަށް އުޒުރުވެރި ވެއްޖެ މީހާ ޢާޝޫރާ ދުވަހާއި ޖެހިގެން އަންނަ ދުވަހުގެ ރޯދަ ހިފުމަށެވެ.

އަޅުގަނޑުމެންގެ ތެރެއިން ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް ބޭނުންވާ ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލެއް އޮވެއެވެ، އެއީ ރަމަޝާން މަހުގެ ރޯދައިން ޤަޟާ ކުރަން ރޯދައެއް އޮއްވާ، މިފަދަ ދުވަސްތަކުގައި ރޯދަ ހިފިދާނެތޯ އެވެ.

މި ސުވާލުގެ ޖަވާބުގައި ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައި ވަނީ ޤަޟާ ރޯދައެއް އޮތް ނަމަވެސް އެ ދުވަސްތަކުގައި ރޯދަ ހިފިދާނެ ކަމަށެވެ.

"ރަމަޟާން މަހުގެ ރޯދައެއް ޤަޟާ ކުރަން އޮތް ކަމުގައިވީ ނަމަވެސް މިފަދަ މުނާސަބަތު ތަކުގައި ރޯދަ ހިފިދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ފާހަގަ ކޮށްލަން ބޭނުންވަނީ ރަމަޟާން މަހުގެ ރޯދައެއް (ފަރްޟު ރޯދައެއް) ޤަޟާ ކުރަންވެފައި އޮތް ކަމުގައިވާނަމަ އެކަމަށް އަވަސްވެ ގަތުމަށް އިސްކަން ދިނުން އެއީ ޝައްކެއްނެތް އެންމެ އެދެވިގެންވާ ގޮތެވެ. ނަމަވެސް މިފަދަ މުނާސަބަތެއް އަންނައިރު އޭނަގެ މައްޗަށް ޤަޟާ ކުރަންވެފައި ރޯދައެއް އޮތް ކަމުގައިވީ ނަމަވެސް، ރޯދަ ހިފުމަކީ އޭނައަށް ހުއްދަވެގެންވާ ކަމެކެވެ. އަދި މިމުނާސަތުތައް (މިސާލަކަށް އަރަފާތު ދުވަސް ނުވަތަ ޢާޝޫރާ ދުވަސް) މިދުވަހެއްގައި އޭނާ ރަމަޟާން މަހުން ޤަޟާ ރޯދަ ހިފިކަމުގައިވީނަމަ ޤަޟާ ރޯދައެއް ކަމުގައި އެރޯދަ ބެލެވޭނެ އަދި ހަމައެއާއެކު އާޝޫރާ ދުވަހު ރޯދަ ހިފިކަމުގެ ދަރުމައާއި ސަވާބު ވެސް ލިބޭނެއެވެ. އޭގެ މާނައަކީ ޤަޟާ ރޯދަ ކަމުގައި ބެލެވި އާޝޫރާ ދުވަހުގެ ދަރުމައާއި ސަވާބުވެސް އޭނާއަށް ލިބޭނެއެވެ"

މަސްދަރު: ޞާލިޙު އަޙްލުބައިތު ، ޝައިޚް ސަމީރު

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!