ދުނިޔެ

ޗައިނާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 151އަށް

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު ޗައިނާގެ ހުޅަނގު އުތުރުގެ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި އިތުރު ބަޔެއްގެ ހަށިތައް ފެނި އެ ހާދިސާގައި މަރުވި މީހުންގެ ޢަަދަދު 151އަށް އަރައިފިއެވެ. ރިކްޓަރ މިންގަނޑުން 6.2ގެ ބާރުމިނުގައި ރެކޯޑު ކުރެވިފައިވާ ބިންހެލުން އައިސްފައި ވަނީ އެ ޤައުމުގެ ހުޅަނގު އުތުރުގައި އޮންނަ ޗިންހާއީ އަދި ގަންސޫ ޕުރޮވިންސަށެވެ.

Ads by Sosun Fihaara

ޗައިނާގެ އޮފިޝަލުން ވިދާޅުވީ ބިންހެލުމުގައި ސުންނާފަތިވި ޢިމާރާތްތަކެއްގެ ދަށުގައި ތާށިވެގެން މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ހޯދިފައިވާ ކަމުގައެވެ. އެ ދެ މީހުންގެ ހަށިތައް ފެނިފައި ވަނީ ޗިންހާއީ ޕުރޮވިންސުުންނެވެ. މީގެ ދެ ހަފުތާ ކުރިން އެ ސަރަޙައްދަށް އައިސްފައިވާ ބިންހެލުމަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ޗައިނާއަށް އައިސްފައިވާ އެންމެ ބާރުގަދަ ބިިންހެލުމެވެ. އެ ޤައުމަށް ބާރުގަދަ ބިންހެލުމެއް އެންމެ ފަހުން އައިސްފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގެ ހުޅަނގު ދެކުނުގައި އޮންނަ ޔުނާން ޕުރޮވިންސަށެވެ. އެ ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 6.5ގައެވެ. އެ ބިންހެލުމުގައި ޔުނާން ޕުރޮވިންސުން 617 މީހުން މަރުވިއެވެ.

ޑިސެންބަރު 19 ވަނަ ދުވަހުގެ ބިންހެލުން އައިސްފައި ވަނީ މުސްލިމުންގެ ދަރިކޮޅެއް ކަމަށްވާ ހުވެއިޒޫ ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ މީހުން ދިރިއުޅޭ ސަރަޙައްދަކީ، ވަރަށް އާދައިގެ ފެންވަރަށް ގެދޮރު ބިނާ ކޮށްފައިވާ ސަރަޙައްދެއްކެވެ.

ބިންހެލުމުގައި 200,000އަށްވުރެ ގިނަ ގެ ސުންނާފަތި ވެފައިވެއެވެ. އަދި 145,000އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ގެދޮރު ނެތިފައިވާ މީހުންނަށް ވަޤުތީ ހިޔާވަހިކަން ފޯރު ކޮށްދޭން ޗައިނާގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ގެދޮރު ނެތިފައިވާ މީހުންނަށް ރާވާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ގެދޮރު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ޗައިނާގެ ސަރުކާރުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!