ޚިޔާނާތެއްގައި ޖެހިފައި ހުރިނަމަ ގޯތި ގެދޮރު ވިއްކާލާ ހިސާބަށް ނުދިޔައީސް: އާޒިމާ

އެކި ވެރިކަންތަކުގައި ބޮޑެތި މަޤާމުތައް އަދާކޮށްފައިވާނެ ކަމަށާއި, ނަމަވެސް ޚިޔާނާތުގެ އެއްވެސް ކަމެއްގައި އެއްވެސް ކަހަލަ ބައިވެރިވުމެއް ނޯންނާނެ ކަަމަށް މާލޭ ސިޓީކައުންސިލަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ, އޭނާއަކީ އެކި ސަރުކާރުތަކުގައި ނުފޫޒުގަދަ މަގާމްތައް އަދާކޮށްފައިވާ ފަރާތެއް ކަމަށާއި، އެއިން އެއްވެސް ފަހަރަކު ދައުލަތުގެ ފައިސާގައި ޖެހިފައި ނޯންނާނެ ކަމުގައެވެ.
"ދިވެހި ދައުލަތުން ނިންމި އެންމެ ބޮޑެތި ނިންމުންތައް ނިންމުގައި ސޮއި ކުރީ ސީދާ އަޅުގަނޑު. ސީދާ އަޅުގަނޑު. ކީއްވެތޯ އަޅުގަނޑުގެ ގޯތި ގެދޮރު ނެގެންވީ އަޅުގަނޑު ޚިޔާނާތުގެ ކަމެއް ކޮށްފައި ހުރި ނަމަ. އަޅުގަނޑު ފައިސާ ނަގާފައި ހުރިނަމަ ކީއްވެތޯ މިއަދު އަޅުގަނޑު ގޯތި ގެދޮރު ވިއްކާލާ ހިސާބަށް ދިޔައީ." އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ އެކަމަނާ ބޮޑެތި އެތައް މަޤާމެއް ފުރުއްވިއިރު ވެސް ދުވަހަކު ވެސް މަޤާމުގެ ނާޖާއިޒް ފައިދާ ނަންގަވާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑަކީ ޚިޔާނާތްތެރިއެއް ނޫން. ވަގެއް ނޫން. އަޅުގަނޑު މީހެއްގެ ޙައްޤަކަށް އައިގެންފައި ނޯންނާނެ." އާޒިމާ ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ, ނާޒާއިޒް ފައިދާ ނަގާފައިވާނަމަ އެކަނިވެރި މަޔަކު އުޅެން ހުރި ހަމައެކަނި ގޯތި މިއަދު ނަގަން ޖެހޭ ހިސާބަށް ނުދާނެ ކަމަށެވެ.
"އެއީ އަޅުގަނޑާއި އަޅުގަނޑުގެ ދަރިފުޅު ދިރިއުޅެން ހުރިތަން. އަޅުގަނޑު ނުހުންނާނެ ދިރިއުޅޭނެ އެހެންތަނެއް. އަޅުގަނޑުގެ މަންމައާއި ބައްޕަގެ ފަރާތުން ވެސް ދިރިއުޅޭނެ އެހެންތަނެއް ނުހުންނާނެ." އާޒިމާ ވިދާޅުވިއެވެ.







ކޮމެންޓް