މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް އުފަންކުރުވީ އެމްޑީޕީން: ޝުޖާއު
ވެރިރަށް މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް އުފަންކުރުވީ އިދިކޮޅު އެމްޑީޕީގެ އަމަލުތަކުގެ ސަބަބުން ކަމަށް ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ މާލެ ސިޓީ ބައި-އިލެކްޝަން ގައި ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައެވެ.
ޝުޖާއު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަަލަ، ބޯހިޔާވަހިކަމުގެ މައްސަަލައަށް ހައްލު ގެނައުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރަމުން އަންނަ ޕާޓީ ކަމަށެވެ. އެމްޑީޕީއަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވީ އެ ޕާޓީ އަކީ މާލެ ސުންނާފަތިކޮށް 'ބޮޑުހުޅު ޖަހާ' ސުންނާފަތިކޮށްލި ޕާޓީ ކަމަށެވެ.
ޝުޖާއު ވިދާޅުވީ މޭޔަރަކު ހޮވާއިރު ޕީޕީއެމް./ޕީއެންސީ އަދި އެމްޑީޕީގެ މާޒިއަށް ބަލާލުން މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނު ވުޖޫދި ހިސާބުން ފެށިގެން މާލެ ތަރައްގީކޮށް ކުރިއެރުން ގެނެސްދޭން 10 އަހަރުގެ ފުރުސަތު ދިން ކަމަށެވެ.
'' ސުވަލަކީ ކީއްހޭ މި މީހުން (އެމްޑީޕީ) އިން ކުރީ؟ ޖަވާބަކީ ކުނިގޮނޑެއްވެސް ހުސްކޮށް ނުލެވުނޭ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެއްވެސް މައްސަލައަކަށް ހައްލެއް އެމްޑީޕީއަކަށް ހޯދައެއް ނުދެވުނު'' އެމްޑީޕީ އަށް ވައްކަމުގެ ތުހުމަތު އަޅުވަމުން ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ވިސްނާދީފައި އޮތީ އިޖުތިމާއި ފޭރާމަކީ އެހާ އަގުހުރި އެއްޗެއް ނޫން ގޮތުގައި ކަމަށެވެ. އެމްޑީޕީގެ ދައުރުގައި ކައުންސިލްގެ ޖަލްސާތައް ބާއްވަމުން ދިޔައީ މަގުމަތީ ގައި ކަމަށާއި ކަންކަން ހައްލުކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ ޝަކޫރް ހޮވައިގެން ކަމަށް ވިދާޅުވިއެވެ.
މިއަދު މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް އުފަން ކުރީ އެމްޑީޕީގެ މި ނޭއްގަނީ އަމަލުތައް. އެހެންވެގެން އާޒިމާ އަޅުގަނޑުމެން ވޯޓު ދޭން މި ޖެހެނީ
ޝުޖާއު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު އިސްވެ ހުންނަވައި ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެއަށް ފަހު ޝުޖާއު ވިދާޅުވެދެއްވީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ކުރައްވާފައިވާ ކަންތައްތަކެވެ.
ބިދޭސީންނަށް ގަވާއިދާ ހިލާފަށް މާލޭގެ އެއްވެސް ސަރަހައްދެއްގައި ވިޔަފާރީ ނުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި، 'މާލެ ފެހި' ކުރުމުގެ ނަމުގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް އަކާއި، މާލޭގެ މަގުތައް ސާފުކޮށް ބޭއްވުން އަދި ކައުންސިލަރުން މަސައްކަތްކުރަމުންދާ ގޮތް ބެލޭނެ ގޮތުގެ އިންތިޒާމްވެސް ހަމަޖައްސާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ފޯނުން ކުޅެލައިގެން ރައްޔިތުންނަށް ހިދުމަތް ހޯދޭނެ ގޮތް، އެމަނިކުފާނުގެ މޭޔަރުކަމުގައި މާލޭގެ ރައްޔިތުންނަށް ސިޓިން ރޫމްގައި ތިބެގެން ދަރިފުޅުގެ އުފަން ދުވަހުގެ ސެޓްފިކްޓް ލިބޭނެ ގޮތުގެ އިންތިޒާމު މާވެހި ޕޯޓަލްގެ ނަމުގައި ޕޯޓަލްއެއް ހަދައިގެން ޑރ މުއިއްޒު ކޮށްދެއްވީ
ޝުޖާއު ވިދާޅުވީ އާޒިމާ މޭޔަރު ކަމަށް ވަޑައިގަންނަވަނީ ރައީސް މުއިއްޒު މާލެއަށް ކޮށްދެއްވާފައިވާ ކަންތައްތައް އިތުރަށް ތަރައްގީކޮށް ދިނުމަށް ކަމަށެވެ.