ޚަބަރު

ޑިމޮކްރެޓިކް ނިޒާމެއްގައި ލިބޭ އެންމެ ބޮޑު ހައްޤަކީ ވޯޓް, އެ ހައްޤުގެ ބޭނުން ކުރުން މުހިންމު: އާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޑިމޮކްރެޓިކް ނިޒާމެއްގައި ލިބޭ އެންމެ ބޮޑު ހައްޤަކީ ވޯޓުން އެ ބަޔަކަށް ޚިދުމަތް ކުރާނެ މީހެއް ހޮވުމުގެ ޙައްޤު ކަމަށާއި, އެ ހައްޤުގެ ބޭނުން ކުރުން މުހިންމު ކަމަށް މޭޔަރުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވާދަ ކުރައްވާ ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެވެ.

Ads by Sosun Fihaara

މިއަދު ކުރިޔަށްދާ އިންތިޚާބުގައި ވޯޓް ލެއްވުމަށްފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ, ވޯޓް ލުމުގެ ޙައްޤުގެ ބޭނުންކޮށް, ވީހާ ވެސް އަވަހަކަށް ހުރިހާ ރައްޔިތުން ނިކުމެ ވޯޓް ލުމަށް އެދޭ ކަމަށެވެ.

"ޑިމޮކްރެޓިކް ނިޒާމެއްގައި ލިބޭ އެންމެ ބޮޑު ހައްގަކީ ވޯޓުލުމުގެ ހައްގު. އެ ހައްގު ބޭނުން ކުރުން ވަރަށް މުހިންމު ވާނެ. އަދި ހަމަ ޑިމޮކްރެޓިކް ނިޒާމެއްގައި އެމީހުންނަށް ހިދުމަތް ކުރާނެ ބޭފުޅަކު ހޮވުމުގެ އެންމެ ރަނގަޅު ފުރުސަތަކީ ވޯޓު ލުމުގެ ފުރުސަތު. އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުން ނިކުމެ އަވަހަށް މި އިންތިހާބުގައި ވޯޓުލުން" އާޒިމް ވިދާޅުވިއެވެ.

މިއަދުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާއެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ވެސް މިއަދު ވަނީ ފަށާފައެވެ.

މިއަދުގެ އިންތިޚާބުތަކުގައި ޖުލްމަ 58 ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި މިއަދުގެ ބައި އިލެކްޝަނުގެ ވޯޓުލުން ހެނދުނު 8:00ން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށްދާނެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން އީސީން ވަނީ ވޯޓުލާން އެއް ގަޑިއިރު އިތުރުކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!