ޚަބަރު

ވޯޓްލާ ހިތް ނުވެފަ ތިބިޔަސް, މައްސަލަތައް ހައްލު ކުރަން އެންމެން ނިކުމެ ވޯޓްލާން އެބަ ޖެހޭ: ސައިފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯޓްލާން ފޫހިވެފައި ތިއްބަސް, މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ އެންމެން ނިކުމެ ވޯޓް ލައިގެން ކަމަށް މިހާރު ކުރިޔަށްދާ މާލޭގެ މޭޔަރުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޑިމޮކްރެސްޓްސްގެ ކެނޑިޑޭޓް ސައިފް ފާތިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސައިފް މިހެން ވިދާޅުވީ ވޯޓް ލެއްވުމަށްފަހު މީޑިއާތަކާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

"މާލޭގެ މައްސަލަތައް ވަރަށް ގިނަ، އެންމެންގެ ވެސް ޝަކުވާތައް ގިނަ. އެހެންވީމަ މީގެ ހައްލުތަކަކަށް ތިބޭފުޅުން ނުކުމެ ވޯޓު ލައްވާށޭ. އަޅުގަނޑަށް އިނގޭ ވޯޓު ލާ ހިތް ނުވެފައި ތިބިކަން، މާލޭގެ މައްސަލަތައް ހައްލު ވެވޭކަށް ނެތް އެހެން ދޫކޮށްލައިގެން. އެހެންވީމަ ހުރިހާ ބޭފުޅުން ވެސް މާލެ ހައްލު ކުރަން، ވިސްނުންތެރިކަމާއެކު ވޯޓު ދެއްވުމަކީ އަޅުގަނޑުގެ އެދުމެއް" ސައިފް ވިދާޅުވިއެވެ.

މިއަދު 12 ޖެހުމާ ހަމައަށް ވޯޓްލާފައިވަނީ ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 11 އިންސައްތަ މީހުންނެވެ. އެއީ 6,207 މީހުންނެވެ.

މިއަދުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާއެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ވެސް މިއަދު ވަނީ ފަށާފައެވެ.

މިއަދުގެ އިންތިޚާބުތަކުގައި ޖުލްމަ 58 ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި މިއަދުގެ ބައި އިލެކްޝަނުގެ ވޯޓުލުން ހެނދުނު 8:00ން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށްދާނެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން އީސީން ވަނީ ވޯޓުލާން އެއް ގަޑިއިރު އިތުރުކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!