ރައީސް ކަމަށް ޑރ. މުޢިއްޒު ހޮވުނީ އެމްޑީޕީގެ ބައިބައިވުމާއި ރައީސް ޔާމީންގެ ސަބަބުން: ފައްޔާޒް
ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މާލޭގެ މޭޔަރު ކަމަށް ޑރ. މުޙައްމަދު މުއިއްޒު ހޮވި ވަޑައިގަތީ އެމަނިކުފާނުގެ މަޤުބޫލު ކަމުން ނޫން ކަަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެވެ.
ފައްޔާޒް މިހެން ވިދާޅުވީ, މާލޭ މޭޔަރުގެ ކަމުގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމާއި ގުޅިގެން ރޭ ސަލްޓަން ޕާކުގައި ބޭއްވި އުފާ ފާޅު ކުރުމުގެ ހަރަކާތަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފައްޔާޒް ވިދާޅުވީ, އިންތިޚާބީ ދެ މަޤާމަށް ވެސް ރައީސް ޑރ. މުޢިއްޒުއަށް އާދެވުނީ އިތުރު ފެކްޓަރތަކެއްގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުން ރައީސް މުޢިއްޒަށް ވޯޓު ދިނީ މަޤްބޫލުވެގެން ނޫން ކަމަށް ވިދާޅުވއިެވެ.
"މާލޭގެ މޭޔަރު ކަމަށް ވެސް ވަޑައިގަނެވުނީ, މުޢިއްޒު ހޮވުނީއެއް ނޫން. އެއީ އަޅުގަނޑުމެން ޕާޓީގައި އުފެދިފައިވާ ބައިބައިވުމުގެ ތެރެއިން ވެގެން ދިޔަ ކަމެއް." ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒު ހޮވި ވަޑައިގަތީ އެމްޑީޕީގެ އެތެރޭގެ ކޯޅުމާއި, ރައީސް ޔާމީނަށް އޮތް ތާއީދެއްގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ރިޔާސީ އިންތިޚާބު ވެސް ގެއްލިގެން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ އެ އުފެދިފައިވާ ނުތަނަސް ކަމުގެ ތެރެއިން. މުއިއްޒު ހޮވުނީއެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި އޮތް ބައިބައިވުމާއި, ރައީސް ޔާމީންނަށް އޮތް ތާއީދަކުން ހޮވި ވަޑައިގަތް ބޭފުޅެއް އެއީ"
ފައްޔާޒްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, މިއަދު ބޭއްވި އިންތިހާބުން މާލޭ ރައްޔިތުން ދިން މެސެޖާއި މާލޭ ރައްޔިތުން ތިބި ގޮތް ވެސް ވަރަށް ސާފު ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް މިހާރުއްސުރެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"މިއީ އާ ފެށުމެއް، އާ ހިތްވަރެއް، މި ލިބުނު ކާމިޔާބާ އެކު ދެން އޮތް މަސައްކަތަކީ މަޖިލީހުން ރަނގަޅު އަދަދެއް ހޯދައި ސަރުކާރު ޖަވާބުދާރީ ކުރުވުން، މާލެ މުއިއްޒު ކުރުމަށް ފަހު ރާއްޖެ މުއިއްޒު ކުރާކަށް ފުރުސަތެއް ނެތް،" ފައްޔާޒް ވިދާޅުވިއެވެ.