ޚަބަރު

އެމްއައިބީއަށް އާޒިމާ ދައްކަންޖެހޭ ދަރަނީގެ އިސްތިއުނާފް ބަލައިނުގަތް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ނެންގެވި ލޯނަކަށް، ފައިސާ ނުދައްކަވާތީ އެ ބޭންކަށް ހަތަރު މިލިއަން ރުފިޔާ ދައްކަން އޭނާގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.

Ads by STELCO

ހައިކޯޓުން ވަނީ މި މަހުގެ ދެވަނަ ދުވަހު އާޒިމާގެ ނަމުގައި ހުޅުމާލޭގައި ހުރި ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓެއް އެމްއައިބީއަށް ރަހުނުކުރުމަށްފަހު ނަގާފައިވާ 3.18 މިލިއަން ރުފިޔާގެ ލޯނު އެއްބަސްވުމާ އެއްގޮތަށް ފައިސާ އަދާކުރަމުން ނުދާކަމަށް ހުކުމްކޮށްފައެވެ.

ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާއާއެކު ޖުމްލަ 4.15 މިލިއަން ރުފިޔާ އާއި މަހުން މަހަށް އަރާ ކުލީގެ ފައިސާ، އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހަށް ދައްކައި ޚަލާސްކުރުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. މި ހުކުމް ކޮށްފައިވަނީ އާޒިމާގެ ޣައިރު ހާޒިރުގައެވެ.

މި މައްސަލާގައި އާޒިމާގެ ފަރާތުން ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް މި މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ.

ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ބާތިލު ކުރަން ނުވަތަ ބަދަލު ކުރަން އެ ހުކުމެއް ކުރި ކޯޓަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިދޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!