ޚަބަރު

ގައިދީން މުޖުތަމައު އަށް ނެރެން ކުރާ މަސައްކަތަކީ ޖިހާދެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގައިދީން ރިހެބިލިޓޭޓްކޮށް މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ޤައުމީ ޖިހާދެއް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޒަރީރު ވިދާޅުވީ މި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއާ ގުޅޭ މައްސަލަތައް ކަމަށާއި، ޖަލުތަކުގައި ތިބި ޤައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޙުކުމްކޮށްފައިވާ ދިވެހީންނާއި ބިދޭސީން ކަމަށެވެ. އެމީހުން ބަލަހައްޓައި، ރިހެބިލިޓޭޓްކޮށް މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ޤައުމީ ޖިހާދެއް ކަމަށް ޒަރީރު ވިދާޅުވި އެވެ.

ޖަލުތަކުގައި ހުރި އިމާރާތްތަކާއި އުމްރާނީ ކަންކަމުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރު ވިދާޅުވީ ޖަލުގައި ތިބި ޤައިދީންނާއި މަސައްކަތްކުރާ އޮފިސަރުން ގެ އެކަމަޑޭޝަން ފަދަ ކަންކަން ރަނގަޅުކުރުމަށް، ބަޖެޓްގެ ދަތިކަން ހުރިނަމަވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ސީޕީ ވިދާޅުވީ ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫޢުތައް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކޮށް، ތަޢުލީމީ ފުރުޞަތު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކުރުމަށް މަސައްކަތްކޮށް، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ޖަލަށް މަނާތަކެތި ވެއްދުމުގައި ބައިވެރިވާ 100 އިން އެއް އޮފިސަރުގެ ސަބަބުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މޫނުމަތި ހަޑިވެފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ. އަދި އެފަދަ ޢަމަލުތައް ކުރުމާ ދުރުހެލިވެ، ހުވަޔާ އެއްގޮތަށް ސާބިތުކަންމަތީ ތިބުމަށް އިލްތިމާސްކުރެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!