ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން ރޯދައަށް ހުޅުވަނީ

ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން މަރާމަތުކޮށް، ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ހުޅުވަން ނިންމައިފިއެވެ.
މިކަމާ ގުޅޭ ގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ފެންއަރުވާ ވަޑާން އަލުން ހުޅުވާނީ ކުރިއަށް ވުރެ ފުރިހަމަކޮށް ކަމަށެވެ. އަދި އެތަން މަރާމާތު ކުރަނީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގުގެ ކުރިމަތިން އޮންނަ ޖުމްހޫރީ މައިދާނުގައި ފެންއަރުވާ ވަޑާން ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެތަން ހެދީ ވެސް އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިއީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ފެންއަރުވާ ވަޑާމެކެވެ. މިދިޔަ ސަރުކާރުން އެތަނަށް އަޅާނުލާ އޮތުމުގެ ސަބަބުން އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.