ކުރީ ސަރުކާރަށްވުރެ މި ސަރުކާރުގެ ހިންގުމުގެ ޚަރަދު 24 އިންސައްތަ ދަށް!
މިދިޔަ އަހަރުގެ ފުރަތަމަ ދެ ހަފްތާއާ އަޅާބަލާއިރު، ސަރުކާރުގެ ހިންގުމުގެ ހަރަދު މިއަހަރުގެ ފުރަތަމަ ދެ ހަފްތާގައި ކުޑަކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުގެ ހިންގުމުގެ ހަރަދު ކުޑަކަމަށް ދައްކާފައި ވަނީ ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މާލީ ހިސާބުތަކުގައެވެ.
މި ސަރުކާރުން މާލީ ހިސާބުތައް އާއްމުނުކުރާކަމަށް އިދިކޮޅު ފަރާތްތަކުން ބުނިކަމުގައިވީނަމަވެސް، ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ވަނީ މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދައުލަތުން ކޮށްފައިވާ ހަރަދުތަކާއި ލިބިފައިވާ އާމްދަނީގެ އެންމެހާ ތަފްސީލްތައް ހާމަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދައުލަތް ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުތައް އުޅެނީ 392.2 މިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވާ 518.6 ރުފިޔާއާ އަޅާބަލާއިރު 24.3 އިންސައްތަ މަދު އަދަދެކެވެ.
ރިކަރަންޓް ޚަރަދުގެ ތަފްސީލަށް ބަލާއިރު، އިދާރީ ހިންގުމަށް 361.8 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށް އަދަދަކެވެ. މިދިޔަ އަހަރު މި މުއްދަތުގައި އިދާރީ ހިންގުމަށް 511.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މުސާރައާއި އިނާޔަތްތަކަށް 4.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 5.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ރިކަރަންޓް ހަރަދުގެ އިތުރުންވެސް، ދައުލަތުގެ އެހެން ބައެއް ހަރަދުތައްވެސް މިދިޔަ އަހަރުގެ ފުރަތަމަ 11 ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 11 ދުވަހު ކުޑަކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ ދަރަނި 119 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަންޏަށްވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަންކަމުން އަރައިގަތުމަށްޓަކައި ހަރުދަނާ، ހަލުވި ފިޔަވަޅުތައް އަޅުއްވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.