ޚަބަރު އިޖުތިމާޢީ ސަރުކާރު

ގުރައިދޫ މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބި 19 މީހަކު އާއިލާތަކާ ހަވާލުކުރަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި 19 މީހަކު އެމީހުންގެ އާއިލާތަކާއި ހަވާލުކުރަން ހަމަޖެހިއްޖެއެވެ.

Ads by STELCO

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކުރި ޕޯސްޓެއްގައި ބުނީ ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ 19 މީހަކު އާއިލާތަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކީވެސް އުފާވެރި އަބުރުވެރި ރީތި ދިރިއުޅުމެއް ޢާއިލާއާއިއެކު އުޅުމުގެ ހައްޤު ލިބިގެންވާ މީހެއް ކަމަށް އެ މިނިސްޓްރީގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މި މަސައްކަތުގެ ދަށުން އެ މިނިސްޓްރީން ކުރިއަށް އަޅަން ހުރި ފިޔަވަޅުތަކުގެ ތެރޭގައި އާއިލާތަކަށް ތަމްރީން ޕްރޮގްރާމްތައް ރާވައި، އެފަރާތްތައް ސެންސިޓައިޒް (ޙާލަތަށް ހޭނުވުން) ކޮށްގެން އާއިލާތައް ހޭލުންތެރިކުރުވުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ހަމަ އެއާއެކު އާއިލާތަކުން ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކާއި ހަވާލުވުމަށް އުޒުރުވެރިވާ ސަބަބުތައް ދެނެގަނެ، ނަފްސާނީ ބަލިމަޑުކަމާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނީ މި މަސައްކަތުގެ މަޤްސަދަކީ ކޮންމެ ފަރުދަކަށް ވެސް އުފާވެރި އަބުރުވެރި ދިރިއުޅުމެއް އާއިލާއާއެކު އުޅުމުގެ ހައްޤުކަށަވަރު ކޮށްދިނުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!