ޚަބަރު

މޯދީ ކައިރިން ރައީސް ޑރ. މުޢިއްޒު މާފަށް އެދެން ޖެހޭ: ޤާސިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އަށް ނިސްބަތްވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އެގައުމުގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

Ads by STELCO

ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ ރާއްޖެ ކުޑަވުމަކީ ބުލީ ކުރުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވެ އިންޑިއާ އަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވާފަ އެވެ. އަދި އާސަންދަ އާއި ކާބޯތަކެތީގެ އިތުރުން ބޭސް އެތެރެކުރުން އެއް ގައުމަކަށް ބަރޯސާވެފައި އޮންނަ އޮތުން ނިންމުމަކަށް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ އެ ވާހަކަފުޅުތަކާ ގުޅިގެން މިއަދު ޖޭޕީގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިމް ވިދާޅުވީ އާސަންދަ ހިދުމަތް ތައިލޭންޑާއި ޔޫއޭއީ އަށް ފުޅާކުރުމާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅަށް އެއްބަސްވެވެން ނެތް ކަމަށާއި ސިއްހީ ދާއިރާގައި އިންޑިއާ ޖަހާލާފައި ދެވޭ ވަރަށް އެ ގައުމުތައް ތަރައްގީ ނުވާ ކަމަށެވެ. އަދި އިންޑިއާ އަށް ވުރެ އެ ގައުމުތަކުން ލިބޭ ހިދުމަތް 80 ޕަސެންޓް ބޮޑު ކަމަށާއި ޔޫރަޕަށް މިހާރު ވެސް އިންޑިއާ އިން ބޭސް ގެންނަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް އެ ވާހަކަފުޅުތައް ދެއްކެވީ ޖަޒުބާތުގައި ހުންނަވައިގެން ކަމަށާއި އެކަން އެގޮތަށް ދިމާވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފެށި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ކަމަށެވެ. އޭރު އެކަން ހައްދެއް ނެތި ކުރަން ދޫކޮށްލައިގެން ހުންނެވީ ކުރީގެ ރައީސް ސޯލިހު ކަމަށާއި އިންޑިއާ އައުޓްގެ ހަރަކާތް ހުއްޓުވަން ނެރުނު ގަރާރު މި ސަރުކާރުން ވެސް ބާތިލުނުކުރަން ގާސިމް ވަނީ ގޮވާލާފަ އެވެ.

"އަޅުގަނޑު އެދެން ރައީސް މުއިއްޒު ޗައިނާ އިން ވަޑައިގެން އެ ދެއްކެވި ވާހަކަފުޅުގެ ދެތިން ހަތަރު ޕޮއިންޓަށް، ރަސްމީކޮށް އިންޑިއާ ސަރުކާރުންނާއި ބޮޑުވަޒީރު މޯދީގެ ކިބައިން ޕްރޮފެޝަނަލްކޮށް މައާފަށް އެދިވަޑައިގަންނަވަން،" ގާސިމް ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި ނަމަވެސް ގާނޫނީ ހުދޫދޫގެ ބޭރުން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

Ads by Ooredoo
  1. ވަހީދު

    ގާސިމް މާފަށް އެދެންވީނު. އިންޑިޔާ ބޭންކުން ތިލޯނު ލިބޭތޯ