1999ގެ ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެލިކޮޕްޓަރުގެ ޚިދުމަތް!

ހާދިސާތަކުގައި ގެއްލޭ މީހުން ހޯދުމަށާއި ކުއްލި ފަރުވާއަށް މާލެ ގެންނަން ޖެހޭ މީހުން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފަށަން ސަރުކާރުން ނިންމައިފިއެވެ.
މިއަދުގެ ކެބިނެޓު ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހާ ގުޅިގެން، ދެ އިންޖީނުލީ ހެލިކޮޕްޓަރު ހޯދުމަށް ނިންމާފައިވާ ކަމަށެވެ.
ސްޓްރިކްޓް ބިޑިންއެއްގެ ދަށުން އެ ހިދުމަތް ދޭނެ ބަޔަކު ހޯދައި، ބޭސްފަރުވާ އަށާއި ގެއްލޭ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތްތަކަށް އިސްކަންދޭން ހަމަޖައްސާފައިވާ ކަމަށާއި އެކަމަށް ބޭނުން ކުރާނީ ހެލިކޮޕްޓަރު ބޭނުންކުރާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެލިކޮޕްޓަރު ދުއްވުމުގެ ތަޖުރިބާކާރެއް ނެގުމާއި ސިވިލް އޭވިއޭޝަންގެ ބަޖެޓު އިތުރުކުރާނެ ކަމަށެވެ.
މި ނިންމުމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މިއީ 1999 ގެ ފަހުން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރު ކަމަށާއި ވެގެން ދާނީ ތާރީހީ ކަމަކަށް ކަމަށެވެ.
މެޑިކަލް އިވެލުއޭޝަންއާއި ސަވަލެންސްގެ އިތުރުން ފަސިންޖާ ހިދުމަތްތަކުގެ އޮޕަރޭޝަނަށް ބޭނުންވާ އޮނިގަނޑު ތައްޔާރުކުރަމުން އަންނަ ކަމަށާއި މިއީ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ސީޕްލޭނާއި ފުރޮޅުލީ އުފުރޮޅުލީ އުޅަނދުފަހަރުގެ އޮޕަރޭޝަންތައް ފުރިހަމަ ވެގެން ދާނެ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.