މަޖިލިސް މުޅިން ހަލަބޮލިވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕޫން ތްރީލައިން ވިޕް ނެރުނު ހިސާބުން: ސަލީމް
މަޖިލިސް މުޅިން ހަލަބޮލިވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕޫން ތްރީލައިން ވިޕް ނެރުނު ހިސާބުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމާ ނިންމުމަކީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ކަމެއް ކަމަށާއި އެކަމަކީ އެހެން ބަޔަކާ ބެހޭ ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީން ކުރިން ނިންމާފައިވަނީ ވީހާވެސް ގިނަ ވަޒީރުންނަށް ރުހުން ދިނުމަށް ކަމަށާއި ނަމަވެސް މިހާރު މެމްބަރުންގެ ވިސްނުން ބަދަލުވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
“އެމްޑީޕީގެ ޕަލިމެންޓްރީ ގްރޫޕުން ވިޕް ލައިން އެޅި ހިސާބުން މަޖިލިސް މުޅިން ހަލަބޮލިވީ. އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމާ ނިންމުމަކީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ކަމެއް. އެ ނިންމުން ކޮންމެ ގޮތަކަށް ނިންމިޔަސް އެއީ އެހެން ބަޔަކު އެކަމާ ބެހެން ޖެހޭ ކަމެއް ނޫން” ސަލީމް ވިދާޅުވިއެވެ.
އިއްޔެގެ ޖަލްސާއަށް ހުރަސް އެޅީ ކީއްވެ ކަމެއް އަދިވެސް ނުވިސްނޭ ކަމަށާއި އިނގޭހާވެސް ކަމަކީ ބައެއްގެ ނުފޫޒުން މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭ ގޮތް ނުވެފައިވާކަން ކަމަށް ސައީދު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް އިއްޔެ ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވާފައެވެ. ނަމަވެސް އެ ޖަލްސާ ކުރިއަށް ގެންދަން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ހުރަސްއަޅާފައެވެ.