ޚަބަރު

މަޖިލީހަށް ހޮވުނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި, ދައުރު ނިންމާނީ ވެސް އެ ޕާޓީގައި: ޝިފާއު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިޔާސީ ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށާއި މަޖިލިހުގެ ދައުރު ނިންމާލައްވާނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝިފާއު އެގޮތަށް ވިދާޅުވެފައި ވަނީ އޭނާ ވެރިކަން ކުރާ ޕީއެންސީ އަށް ސޮއިކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތަށް ވާހަކަތައް ފެތުރިފައިވަނީ ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ވޯޓްގައި, ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓްގައި އެމްޑީޕީގެ ވިޕްއާ ޚިލާފަށް ބައެއް ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓް ދެއްވާފައެވެ.

ޝިފާއު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިހާބުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ.

"އިރާދުފުޅާއެކު މަޖިލިސް ދައުރު ނިންމާނީވެސް އެގޮތުގައި، އެހެން ޕާޓީއެއްގައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް. އެހެން ޕާޓީއަކަށް ނުވެސްދަން" ޝިފާއު ވިދާޅުވިއެވެ.

ވިހި ވަނަ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުގޮތުގައި ހުންނެވި ޝިފާއު އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރަން އަދި ނުނިންމަވައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގައި ޝިފާއު ވިޕްލައިނާ ހިލާފުވެވަޑައިގެންނެވިއެވެ. އެގޮތުން ޝަހީމާއި ސައީދަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!