އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލައަށް ސުޕްރީމް ކޯޓުން ވަދެގެން ނުވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު ގުނާ ގޮތަށެވެ. އެއާ އެކު މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ދަށްވެ އެވެ. އޭރަށް މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ގިނާ މިންވަރު ވެސް ވަނީ ބަދަލުވެފަ އެވެ.
މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެނައި އިސްލާހު ބާތިލު ކުރަން އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން, އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ, މިއީ ސުޕްރީމް ކޯޓުން ބެލޭނެ މައްސަލައެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި މި މައްސަލައަށް ސުޕްރީމް ކޯޓުން ވަދެގެން ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނީ އިމުގެ ތެރޭން، ގާނޫނު ހަދާ މަޖިލީހުން ކޮށްފައި ހުންނަ ކަންކަން ގާނޫނެއްގެ ގޮތުގައި ނުވަތަ ގަވާއިދެއްގެ ގޮތުގައި ފާސްވެގެން ދިއުމުން، އެއީ ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރެއް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވެސް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ގެނެވުނު އިސްލާހުތަކެއް ކަމަށާއި އެކަން ފާސްކުރުމަކީ މަޖިލީހަށް ލިބިދޭ ބާރެއް ކަމަށެވެ.
"އެގޮތަށް މަނާކޮށްފަ އޮތް ގަޑިއެއްގަ އެމީހުންނަކީ ތިބި ބައެއްގެ ގޮތަށް ބަލައިގެން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަދަދު ގުނާނީ ކޮންހަމައަކުންތޯ؟ އެހެންވީމަ އެ 6 މީހުންނަކީ ކޮން ބައެއްތޯ، ކޮން ނަމެއް ކިޔާބައެއްތޯ، އަދި ކާކުތޯ، ނުވަތަ ދައުރު ނިމެންދެން މޭ މަހުގެ ނިޔަލަށް ދައުރު ނިމެންދެން އެ ހުސްގޮނޑި ގުނައިގެން އަޅުގަނޑުމެން ވޯޓު ހަމަކުރާނީތޯ؟ ހަމަ ގައިމު އެ ހުސްގޮނޑިއަކަށް ވޯޓެއް ނުލެވޭނެ އެހެންނޫންތޯ؟" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެއީ ޖުމްލަ އަދަދަށް ބަލައިގެން ކަންކަން ނިންމުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.
ކޮމެންޓް