ޚަބަރު

ހުޅުމާލޭގައި އިތުރު ދެ ސުކޫލެއް އަޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެތެރޭ ހުޅުމާލޭގައި އިތުރު 2 ސްކޫލެއް އެޅުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިސަރުކާރުން އަޅުއްވާ ސްކޫލްތަކުގެ ތެރެއިން ފުރަތަމަ ސްކޫލްގެ މަސައްކަތް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރުވެސް ވަނީ ފަށްޓަވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާޢްސަ ބަސްދީގަތުމެއްގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ހުޅުމާލެއަށް އިތުރުވަމުންދާ އާބާދީއާ އަޅާބަލާއިރު އެކަށީގެންވާ ވަރަށް ސްކޫލްތައް ނެތްކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އެޅުމުގެ މަސައްކަތް މިސަރުކާރުން މިހާރު ފަށްޓަވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއަހަރުތެރޭގައި އިތުރު ދެ ސްކޫލެއްގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި މިދެ ސްކޫލް އަޅާނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ. މިސްކޫލްތައް ބޮޑަށް އަމާޒު ކުރަނީ ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކަށެވެ. ވަޒީރު ވިދާޅުވީ ސްކޫލްތައް އަޅާނެ ސަރަހައްދުތައް ފައިނަލްވުމާއެކު ސްކޫލްތަކުގައި ކިޔަވައިދެވޭނީ ކިތައް ކުދިންނަށްކަން އެނގޭނެކަމަށެވެ. މިސްކޫލްތަކުގައި ކިޔަވައިދޭނެ ގްރޭޑްތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތައުލީމީ ނިޒާމްގައި ދަރިވަރުންނަށް ޖާގަ ދިނުމަށްޓަކައި ހަރުދަނާ އުޞޫލްތަކެއް ޤާއިމްކުރެވިފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ސްކޫލްތަކުގެ ޖާގައަށް ކުދިން އެދެމުން ދަނީ. މާލެ ސަރަހައްދަށް ބަދަލުވާ އާބާދީއާއެކު ވަކި ވަކި ގްރޭޑްތަކަށް ޖާގަ ދިނުމުގައި ދަތިތަކެއް އެބަހުރި. އެކަންކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އިތުރު ސްކޫލްތައް އަޅަމުން މިދަނީ." ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ހުޅުމާލޭގައި ސްކޫލްތައް އިމާރާތް ކުރުމަށް މިހާރު ބޮޑަށް އިސްކަން ދޭނީ ދެވަނަ ފިޔަވައްސަށެވެ. ފޭސް 3ގައި މީހުން އާބާދުވުމާއެކު އެތަނުގައިވެސް ސްކޫލްތައް އަޅަންޖެހޭކަން ފާހަގަކުރައްވާ އެކަމުގެ ޕްލޭންތައްވެސް ހަދަމުން އަންނަކަން ތަޢުލީމާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުުމުގެ ސިޔާސަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ މި ސަރުކާރުގެވެސް ސިޔާސަތަކީ ވީހާވެސް ގިނަ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކޮށް ކިޔަވައިދިނުން ކަމަށެވެ. ނަމަވެސް އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އާބަން ސެންޓަރުތައް ޤާއިމްކުރުމުން މާލެ ސަރަޙައްދަށް ރައްޔިތުން އަންނަ އައުމަށް ހެޔޮ ބަދަލުތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ހުޅުމާލެ ދެވަނަ ފިިޔަވަހީގައި ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އަކާއި ހަމައަކަށް ކިޔަވައި ދިނުމަށް ތަރައްޤީކޮށްފައިވަނީ އެންމެ ސްކޫލެކެވެ. އެއީ ޞަލާޙުއްދީން ސްކޫލެވެ. އެހެންނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވެ، އެ ސްކޫލުން ޖާގަ ލިބުންދަތިވުމުން ސްކޫލަށް ދާން ޖެހެނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި ނުވަތަ މާލެއަށެވެ.

މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގައި އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް ފަށްޓަވާފައެވެ. މި ސްކޫލަކީ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަަދި މިއީ ގާތްގަނޑަކަށް 1700 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!