އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

ސަރުކާރު ކޯލިޝަނުން ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އެ ދެ ބޭފުޅުންނަށް ފޮނުވައިފިއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ, އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު މި ދެ ބޭފުޅުންނަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 23 މެންބަރުންގެ ސޮއިއާއެކުގައެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށްބުނެ ހުށައެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެކަމަށާއި، މުޅި ޤައުމުގެ ލާބައާއި މަންފާއަށް ރިޔާއަތްކުރައްވަން ޖެހޭނެކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކުއެވެ.
މަޖިލީހުގެ ރައީސާއި ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި މިވަނީ ސަރުކާރުގެ ކެނބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ނިންމާފައިވަނިކޮށެވެ.