75 އަހަރާ ހަމަޔަށް ވަޒީފާގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް
ރާއްޖޭގައި ވަޒީފާ އަދާކުރެވޭ އެންމެ މަތީ އުމުރު 75 އަހަރަށް މަތިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިސްރަށްވެހީންގެ ތަޖްރިބާއާ ވިސްނުން މި ޤައުމަށް ބޭނުންވާ ކަމަށެވެ.
" ޚިދުމަތުގައި މެދުކެނޑުމެއްނެތި ދިގު ޒަމާނެއް ހޭދަކުރެއްވުމަށްފަހު، ޢުމުރުން 65 އަހަރުވާއިރަށް، ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔަރވާން ޖެހޭ ވަގުތަކީ އެފަދަ ގިނަ ބޭފުޅުންނަށް އުނދަގޫ ޙާލަތެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޢުމުރުން 65 އަހަރުވީ ނަމަވެސް ޚިދުމަތުގައި ދެމިތިއްބަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށްވެސް އެގްރީމެންޓް އުޞޫލުން ވަޒީފާ ހަމަޖައްސައިދީ، ޢުމުރުން 75 އަހަރާ ހަމަޔަށް ޚިދުމަތުގައި ކުރިއަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އަދި ސަރުކާރުން މިއަހަރު އިސްރަށްވެހީންގެ ޚާއްޞަ ދަފްތަރެއް އެކުލަވައިލާނެ ކަމަށާއި އިސްރަށްވެހީންގެ ޚާއްޞަ އިޖްތިމާޢީ މަރުކަޒުތަކެއް މާލެއާ އަތޮޅުތަކުގައި ޤާއިމުކުރަން ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެމަސައްކަތްވެސް ވަނީ ހަފްތާ 14ގެ ތެރޭގައި ފެށިފައި. މިގޮތުން މާލޭގެ މި ފަދަ ފުރަތަމަ މަރުކަޒު މި މަހުގެ ތެރޭގައި ހުޅުވޭނެ" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއަރ ސެންޓަރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ޤާއިމު ކުރުމަށްވެސް ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.