ވާރުތަވީ ދަރަނި އިގްތިސޯދެއް, އިންތިހާބަށް ކަޑަ ނުޖަހާނަން: ރައީސް
އެމްޑީޕީ ސަރުކާރު ނިމުމުއިރު, އިގްތިސޯދު އޮތީ ދަރަނިވެރިކޮށްލާފައި ކަމަށާއި އެ ހަގީގަތް ދަނެ, އިންތިހާބާ ދިމާކޮށް ކަޑަ ނުޖަހާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ބޮޑު އިންސައްތައިގެ ވޯޓު ލިބިވަޑައިގަތް ތ. ގުރައިދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, ކުރީ ސަރުކާރުން އަމަލުތައް ބެހެއްޓި ބައެއް ގޮތުގެ ސަބަބުން އިގްތިސޯދު އޮތީ ދަރަނިވެރިވެފައި ކަަމަށާއި މީގެ ކުރިން ނުވެއްޓޭ ހާލަތަކަށް ވެއްޓިފައި ކަމަށެވެ.
ރައީސް ވިދާޅުވީ, ކުރިއަށް އޮތް ތިން މަސް ވެގެންދާނީ, މާލީ ގޮތުން އެންމެ ދަތި އަދި ހައްސާސް ދުވަސްވަރަށް ކަމަށާއި އޭގެ ފަހުން ޖުލައި ހިސާބުގައި އިގްތިސޯދު ރަނގަޅުވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ހުރިހާ ކަމެއް ހަމަ މަގަށް އަޅުވައިގެން މެނުވީ ހަގީގީ މާނައެއްގައި ރައްޔިތުންނަށް ތަރައްގީ ނުގެނެސްދެވޭނެ ކަމަށާއި އެ ހަގީގަތް ރައްޔިތުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މި މަސައްކަތް ކުރަނީ އިހުލާސްތެރިކަމާއެކީ، ހަގީގީ މާނައެއްގައި ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމަށް، އިންތިހާބެއް ކުރިމަތީގައި އޮތީމައި މި ދެންނެވި ހަގީގަތްތައް އެއީ ހަގީގަތް ކަމަށް ނުބަލައި، ކުރީގައި އާންމު ބީދައިން ކަޑަ ޖަހައިފިއްޔާ، އެ ނުވާނެ، ނަތީޖާ ނުކުންނާނެ ކަމަކަށް," ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިންތިހާބު ތެރޭގައި ގުރައިދޫއަށް ވަޑައިގެން އެ ރަށުގައި އަޅަން ވައުދުވެވަޑައިގެންނެވި އެއާޕޯޓުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތް ބަޖެޓުގައި ހިމަނާފައި ނެތް ނަމަވެސް އެކަން ކުރާނެ ގޮތެއް ގާނޫނީ އިމުގެ ތެރެއިން ހޯދާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.