އަލިފާނުގެ ހާދިސާއާ ގުޅިގެން ރާއްޖެޓީވީން ކުރި ޓްވީޓެއްގެ މައްސަލަ ބްރޯޑްކޮމް އަށް ހުށަހަޅައިފި
މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރާއްޖެ ޓީވީން ކުރި ޓްވީޓެއްގެ މައްސަލަ ބަލައިދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.
"ރާއްޖެ ޓީވީ" އިން ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގެ ވީޑިއޯއެއް އާންމުކޮށްފައި، ކުރި ޓްވީޓްގައި ލިޔެފައި އޮތީ "ރާއްޖެ ވިއްކާލަނީއޭ ކިޔާ ޕީޕީއެމް-ޕީއެންސީ އިން މުޒާހަރާ ކުރިތާ ގިނައިރުތަކެއް ނުވެ އެސްބީއައި އާއި ޖެހިގެން ހުރި އިމާރާތުގައި ރޯވުން." މިހެންނެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަޙީދާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މި ދަނޑިވަޅުގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ނަމަވެސް ރާއްޖެ ޓީވީގެ ޓްވިޓާ އެކައުންޓުން އާންމުކުރި ހަބަރެއްގައި "ރާއްޖެ ވިއްކައިލަނީއޭ ކިޔައި ޕީޕީއެމް ޕީއެންސީން މުޒާހަރާކުރިތާ ގިނައިރުތަކެއް ނުވެ އެސްބީއާ ޖެހިގެން ހުރި އިމާރާތުގައި ރޯވުން" މިހެން ލިޔެ އަލިފާނުގެ ހާދިސާގެ ވީޑިޔޯއެއް އާންމުކޮށްފައިވާ ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މިއީ އިދިކޮޅު ކޯލިޝަނާ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅުވުމަށް ރާއްޖެޓީވީން ނެރެފައިވާ ހަބަރެއް ކަމަށާއި މިއީ ޒިންމާދާރު ނޫސްވެރިކަންކުރުން ކަމަށް ނުދެކޭ ކަމަށްވެސް އަދުރޭގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ވީއެންމެ އަވަހަކަށް މި މައްސަލަ ބަލައި، ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާ އިދިކޮޅު ކޯލިޝަން ބަދުނާމު ކުރުމަށް ގަސްދުގައި ރާއްޖެޓީވީން އެކި ގޮތްގޮތަށް ކުރަމުންދާ މިފަދަ މަސައްކަތްތަކަށް ވެސް ފިޔަވަޅު އެޅުމަށް ވަނީ އެދިފައެވެ.