މިލަން 24 ގައި ދިވެހި ރާއްޖޭގެ އަސްކަރިއްޔާއިން ބައިވެރިވާން ނިންމައިފި

ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ކަނޑުގެ އަސްކަރީ ތަމްރީނު ކަމަށްވާ "މިލަން 24" ގައި ދިވެހި ރާއްޖޭގެ އަސްކަރިއްޔާއިން ބައިވެރިވާން ނިންމައިފިއެވެ.
ދިވެހި ރާއްޖޭގެ އަސްކަރިއްޔާއަށް މި ތަމްރީނުގައި ބައިވެރިވާން ދައުވަތު ދީފައި ވަނީ އިންޑިއާއިންނެވެ.
އަދި މި ތަމްރީނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 51 ގައުމަކުން ބައިވެރިވާނެއެވެ. މި ތަމްތރީނު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފެބްރުއަރީ 19 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށެވެ.
ތަމްރީނު ކުރިއަށް ދާއިރު 35 ހަނގުރާމަ މަތީ މަނަވަރާއި ސަބްމެރިނާއި 50 ވައިގެ އުޅަނދު ބައިވެރިވާނެއެވެ. މިއީ މި ތަމްރީނު ކުރިއަށް ގެންދާ 12 ވަނަ ފަހަރުކަމަށް އިންޑިއާގެ އީސްޓާން ނޭވަލް ކޮމާންޑުގެ ޗީފް ސްޓާފް އޮފިސަރ ރެއަރ އެޑްމިރަލް ޝަންތަނޫ ޖާ ވަނީ ފާހަގަކުރައްވާފައިއެވެ.
މި ފަދަ ތަމްރީނެއް ބޭއްވިގެން ދަނީ ކަނޑުގެ އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ޕްރޮފެޝަނަލް ގުޅުންތައް ވަރުގަދަކޮށް ހުނަރުތައް އިތުރު ކުރުމަށްށެވެ.
ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ ސްކުއާޑްރަން ފަރާތުން ބައިވެރިވާން ހަމަޖެހިފައި ވަނީ ލެފްޓިނެންޓް ކާނަލް ޔޫސުފް ނިޝާރ އެވެ.