ޚަބަރު އިޖުތިމާޢީ ސަރުކާރު

ހަފްތާ14 ގައި ހިމެނޭ އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން
ރައީސްގެ ދެ ކަނބަލުން ނާދީ ހުޅުވައިދެއްވަނީ /ފޮޓޯ: ރައީސް އޮފީސް

ބޭނުންތެރި އަދި ގިނަ ޚިދުމަތްތަކަކާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ތަރައްޤީކުރި އިސްރަށްވެހިންގެ ފުރަތަމަ އިޖުތިމާއީ މަރުކަޒު ހުޅުވައިފިއެވެ.

Ads by MWSC

އިސްރަށްވެހިންގެ ނާދީގެ ނަމުގައި ތަރައްޤީކުރި އެ މަރުކަޒު ހުޅުވައިދެއްވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

ޤުރުއާނާއި ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި ޤާއިމުކޮށްފައިވާ އިސްރަށްވެހިންގެ މަރުކަޒު ތަރައްޤީ ކޮށްފައި ވަނީ ބޭނުންތެރި އަދި ގިނަ ޚިދުމަތްތަކަކާއެކުއެވެ.

އެގޮތުން ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ބެހޭ ވުޒާރާއިން ހަފްތާއަކު 3 ދުވަހު ކަސްރަތު ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ.

ހަފްތާއަކު އެއް ފަހަރު ކޯޗުން އައްޔަން ކޮށްގެން ކެރަމް، ޗެސް، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމާއި އިސްރަށްވެހިންގެ ތެރެއިން ކޯޗުންގެ ތަމްރީން ފުރިހަމަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ހަމަ އެހެންމެ ޔޫތު އެމްޕަވަރމެންޓް، އިންފޯރމޭޝަން އެންޑް އާރޓްސް އާއި ބެހޭ ވުޒާރާއިން، ނަފްސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށްޓަކައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކާއި ފެހުމާއި އެހެނިހެން ކުރު މުއްދަތުގެ ކޯސްތަކާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ހައިޑްރޯ ތެރެޕީ، އިށީންދެގެން އިނދެ ކުރާ ކަސްރަތާއި ބެލެންސް ޓްރެއިނިން ކްލާސްތައް އައިޖީއެމްއެޗް ގެ ފަރާތުން އެ މަރުކަޒުގައި ހިންގާނެއެވެ.

އެންސްޕާއަށް ހުށަހަޅަން ބޭނުންވާ ފޯމުތައް ފުރިހަމަކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް "ހެލްޕް ޑެސްކެއް" ވެސް ވަނީ ޤާއިމުކޮށްފައެވެ.

މީގެ އިތުރުން އޭޖް ކެއަރ މޯލްޑިވްސްގެ ފަރާތުން ކޮންމެ ތިން މަހަކުން އެއްފަހަރު އިސްރަށްވެހިންގެ މެދުގައި ހިޔާލުފާޅުކުރުމާއި، ތަޖުރިބާ ހިއްސާކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެލްތް ސްކްރީނިންގ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

މިގޮތުން މިއަދު ހުޅުވާފައި ވަނީ ސަރުކާރުގެ ހަފްތާ14 ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއުގެ ތެރެން ބިނާ ކުރެވުނު ފުރަތަމަ މަރުކަޒެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!